ރިޕޯޓް

ނިލަންދޫ ބަނދަރު ހެދުން - ރަށްޔިތުންގެ ހުވަފެން ހަޤީގަތަކަށް!


ފ. ނިލަންދޫގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ ރަށުގެ ނިސްބަތުން މިހާރަށް، ކުޑަ ބަނދަރެއް ކަމަށްވުމާއެކު، ސަރުކާރުން ވަނީ އެރަށުގައި އިތުރު ބަނދަރެއް ހައްދަވައިދެއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައެވެ. 

ބަނދަރު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިލަންދޫގައި ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. 

ފ. އަތޮޅުގެ ވެރިކަން ކުރާރަށް ނިލަންދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ 600 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރެއް. މިއީ ވެރިކަންކުރާ ރަށަކާ އަޅާބަލާއިރު، މިހާރަށް ކުޑަ ބަނދަރެއްކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. ނިލަންދޫގެ ރައްޔިތުން މިކަމަށް އެދިއެދި ތިއްބާ ސަރުކާރުން ވަނީ މިދިޔަ އަހަރު މި ރަށުގައި 800 ފޫޓްގެ ބަނދަރެއް ހެއްދެވުމަށް 60 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ އާ ޙަވާލުކުރައްވާފައެވެ. 

ބަނދަރު ހެއްދެވުމަށްޓަކައި ރަށުގެ ފަޅުތެރެއިން ތޭރަ ޕޮއިންޓް ފަހެއް ހެކްޓަރުގެ ބިން ހިއްކެވުމަށް ހަމަޖެހިފައި އޮތުމާއެކު، އެމް.ޓީ.ސީ.ސީން މި މަސައްކަތް ސަބް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްފައިވަނީ ވިލާ ކުންފުންޏާއެވެ. ވިލާ ކުންފުނިން މިހާތަނަށް ވަނީ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ. ޕީ.އެސް.އެމާ ވާހަކަދައްކަމުން ވިލާގެ ސައިޓް މެނޭޖަރ ވިދާޅުވީ، 90 އިންސައްތަ ބިން ހިއްކާ ނިމިފައިވާއިރު، ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ބަނދަރު މަޝްރޫޢާ ގުޅުވައިގެން ނިލަންދޫގެ ބިމަށް އިތުރުކޮށްދެއްވާ ބިމަކީ ރަށުގެ ތަރައްޤީއަށް ފަހިކޮށްދެއްވާ ކަމެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ. 

ނިލަންދޫ ރައްޔިތުން މިހާރު ތިބީ، ބިން ހިއްކައިނިމި، ބަނދަރުގެ ޢަމަލީ މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.