ޚަބަރު

ޖަރުމަނަށްދާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހައްދަވަނީ


ޖަރުމަންވިލާތަށް ދަތުރުކުރާ ދިވެހިނަށް ވިސާ ލިބުމުގައި ހުރި ދަތިތައް ނައްތާލައްވައި، ލުއި ފަސޭހަގޮތެއްގައި ވިސާ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޖަރުމަންވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސަފީރުކަމުގެ ފަތްކޮޅު ޖަރުމަންވިލާތުގެ ރައީސަށް އެރުވުމަށްފަހު ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޖަރުމަންވިލާތުގައި ހުންނަވާ ދިވެހި ފުރަތަމަ ސަފީރަކީ، ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ޖަމީލާ ޢަލީއެވެ. އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޖަރުމަންވިލާތުގެ ރައީސަށް އެރުއްވުމުގެ ރަސްމިއްޔާތު ބައްވާފައިވަނީ އިއްޔެއެވެ. އެ ރަސްމިއްޔާތަށްފަހު ޕީއެސްއެމާ ވާހަކަފުޅު ދައްކަވަމުން ޖަމީލާ ޢަލީ ވިދާޅުވީ އެކި އެކި ބޭނުންތަކަށް ޖަރުމަންވިލާތަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އަދި އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށާއި ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައިވެސް އެކަމާ ގުޅޭ މަޝްވަރާތައްކުރެއްވިކަމަށް ޖަމީލާ ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ވިޔަފާރީގެ ދައިރާއިން ޖަރުމަނާއި ރާއްޖެއާއި ދެމެދު މިހާރު އޮތް ގުޅުމުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ގުޅުން ޤާއިމުކުރެއްވުމަށް އެކަމަނާގެ ސަފީރުކަމުގައި މަސައްކަތްކުރައްވާނެކަމަށްވެސް ޖަމީލާ ޢަލީ ވިދާޅުވިއެވެ.

ޖަމީލާ ޢަލީ ވިދާޅުވީ، ޖަރުމަނުގައި އެމްބަސީއެއް ހިންގުމަކީ، ބޮޑު ޚަރަދެއް ހިންގާކަމެއްކަމަށާއި، އެހެންކަމުން ސަރުކާރުން ކުރައްވާ ޚަރަދާއި ބައްދަލުވާ މިންވަރަށް އެމްބަސީގެ، މަސައްކަތް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށެވެ.