ޚަބަރު

ޅައިރުއްސުރެ މަސައްކަތަށް ލޯބިޖައްސުވަން ޚުޠުބާގައި ގޮވާލައިފި


މި އުއްމަތުގެ ޅަދަރީންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވަންވީ ކީރިތި ރަސޫލާގެ އަތްޕުޅުމަތިން ތަރުބިއްޔަތުވި ޖީލާ އެއްގޮތަށް ކަމަށާއި ޅަދަރިންނާއި ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ ޅައިރުއްސުރެ މަސައްކަތަށް ލޯބިޖައްސުވައި ހީވާގި ބަޔަކަށް ހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބާރުއަޅުއްވައިފިއެވެ. 

މިއަދުގެ ހުކުރު ޚުޠުބާ ބިނާކުރައްވާފައިވަނީ ދަރީންނަށް މަސައްކަތް ދަސްކޮށްދީ، މުޖުތަމަޢުގެ މަސައްކަތުގައި ބައިވެރިކުރުވުމުގެ މައްޗަށެވެ. 

ކީރިތި ރަސޫލު (ޞޢވ) ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ޢަމަލީގޮތުން މަސައްކަތްޕުޅު ކުރެއްވުމުގައި ދެއްކެވި ނަމޫނާއާއި އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިރިއުޅުނު އާލުންނާއި އަސްޙާބުން ޢަމަލީގޮތުން މަސައްކަތްކުރެއްވުމުގައި ދެއްކެވި މިސާލުތަކުގެ މައްޗަށް ޚުޠުބާގައި ވަނީ ބައްލަވާލައްވާފައެވެ. ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިސްލާމް ދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީނެވެ. އިސްލާމްދީން  މަސައްކަތްތެރިކަމަށް ދެއްވާފައިވާ އަހައްމިއްޔަތު ވަރަށްވެސް ބޮޑެވެ.

މި އުއްމަތުގެ ޅަދަރީންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވަންވީ ކީރިތި ރަސޫލާގެ އަތްޕުޅުމަތިން ތަރުބިއްޔަތުވި ޖީލާ އެއްގޮތަށް ކަމަށާއި ޅަދަރިންނާއި ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ ޅައިރުއްސުރެ މަސައްކަތަށް ލޯބިޖައްސުވައި ހީވާގި ބަޔަކަށް ހެދުމަށް ހުކުރު ޚުޠުބާގައި ވަނީ ބާރުއަޅުއްވާފައެވެ.

"އެކުދީންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަށް ހަދަންޖެހޭ. އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ ހަރުލައްވަންޖެހޭނެ. ގޭތެރޭގައާއި މުޖުތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙް އަށަގަންނުވަންޖެހޭނެ. ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަދީގެން ނުވާނެ. މަސައްކަތްކުރުމަކީ ޙައްޤެއް. އެއީ ޝަރަފެއް. އަދި އެއީ ކުރިއެރުމެއްކަން ދަނެ، އެ ޝިޢާރު އުފުލަންޖެހޭނެ." ޚުޠުބާގައި ގޮވާލައްވާފައިވެއެވެ. 

ތިމާ ކުރާ ކޮންމެ ކަމެއްވެސް ވީ އެންމެ ރަނގަޅަކަށް ކުރުމަށާއި އެކަމެއް ކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ޚުޠުބާގައިވަނީ ބާރުއަޅުއްވާފައެވެ. އެހެންނަމަވެސް މުޖުތަމަޢުން މިއާ ޚިލާފު ގޮތްތައް ފެންމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއްނެތި، ހަމައެކަނި ފައިސާފެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް ކަންތައްތައް ކުރުމުން، ވިޔަފާރިތަކަށް ބަރުދާސްތުނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބެމުންދަތަން ފެންނަކަން ވަނީ ފާހަގަކުރައްވާފައެވެެ. 

"މުޖުމަޢުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރުތައް ފިލައިގެންދާނީ، މުސްލިމުންގެ ޅަދަރީންނާއި ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި މަސައްކަތްތެރިކަމުގެ އަޚްލާޤުގެ އޮށް އިންދިގެން. އޭރުން އެ އޮށްތަކުން ފަޅައިގެން ހެދިބޮޑުވަމުންދާ ގަސްތަކުން މުޅި މުޖުތަމަޢުގެ ފެހިވުމަށްފަހު، ނުވައި ވިހަ އަސަރުތައް މުޖުތަމަޢުގެ ތެރެއިން ފިލައިގެން ހިނގައިދާނެ." ޚުޠުބާގައި ގޮވާލައްވާފައިވެއެވެ. 

ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޤައުމެއް ތަރައްޤީވެ، ކުރިއަރައިގެންދާނީ، ޤައުމުގެ ދަރީންނަކީ ގޯތެރިގެދޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތުން ފެށިގެން ޤައުމީ ފެންވަރުގެ އެންމެހާ މަސައްކަތްތަކަށް ދާންދެން ކުރާ ބަޔަކަށް ވެގެންނެވެ. އެކަންކަމުގައި މުރާލި، ހީވާގި، ކެރޭ ހަރުދަނާ ބަޔަކަށް ވެގެންނެވެ.