ރިޕޯޓް

ދުންޔާ މައުމޫން - ނަމޫނާ އަންހެން ބޭފުޅެއް!


ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް އިއްޔެ ފާހަގަކުރިއިރު ރާއްޖޭގައިވެސް ކުޅަދާނަ ޤާބިލް ކަނބަލުންތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ. 

ޚާއްޞަ ގޮތެއްގައި ސިޔާސީ ގޮތުން ރާއްޖޭގައިވެސް ޤާބިލް ކަނބަލުންތަކެއް އަންނަނީ އުފެދެމުންނެވެ. އެގޮތުން ދުންޔާ މައުމޫނަކީ މިފަދައިން ފާހަގަކޮށްލެވޭ އަންހެން ކަނބަލެކެވެ. ދިމިޤްރާތީ ނިޒާމެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންޖެހެއެވެ. އެގޮތުން ރާއްޖޭގައި ދިމިޤްރާތީ ނިޒާމެއްގައި ވެރިކަން ހިންގަމުން އަންނައިރު ކަނބަލުންގެ ދައުރު އެކި ސަރުކާރުތަކުގައި އަންނަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކަނބަލުން ބާރުވެރި ކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސިޔާސީ ގޮތުން ރާއްޖެއަށް ތަފާތު ބަދަލުތައް އަންނަމުންދާއިރު އަންހެން ކަނބަލުންގެ ދައުރު ސިޔާސީ ދާއިރާގައިވެސް އިތުރުވާންޖެހެއެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަންހެން ދަރިކަނބަލުން، ދުންޔާ މައުމޫނަކީ ރާއްޖޭގެ ކަނބަލުންނަށް މިސާލެކެވެ. 

img:http://s3.psmnews.mv/images/660x400/14672176526705.jpg|ދުންޔާ މައުމޫން އދ.ގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ފޮރިންގ މިނިސްޓްރީ

ދުންޔާއަކީ ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން ޚާރިޖީ ދާއިރާގައި އެކަމަނާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރކަން ކުރައްވާފައެވެ.

އެކަމަނާއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރުކަން ކުރެއްވި ކަމަނާއެވެ. ސިޔާސީ ގޮތުން ރާއްޖޭގައި ހަލަބޮލިކަން ފެތުރިގެން ދިޔަ ދުވަސްވަރުގެ ތެރޭގައި އެތެރެއިންނާ ބޭރުން، ޚާއްޞަ ގޮތެއްގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަމާޒުކުރި ފާޑު ކިޔުންތަކުގެ އައްޑަނައަކަށް އޭރު ހުންނެވީ ދުންޔާ މައުމޫންކަން ފާހަގަކޮށްލެވެއެވެ.

img:http://s2.psmnews.mv/images/660x400/14614736130421.jpg|ޚާރިޖީ ވަޒީރުގެ މަޤާމުގައިހުންނެވިއިރު ދުންޔާ މައުމޫން، ސްވިޑްންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ސިޔާސީ ދާއިރާގައިވެސް އެކަމަނާގެ މަސައްކަތްތަކަކީ ދިވެހި ކަނބަލުން ނަމޫނާ ލިބިގަންނަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ހަލަބޮލި ދުވަސްވަރުވެސް އެކަމަނާ ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީ އަދި ސަރުކާރު ހިންގާ މައި ޕާޓީގެވެސް އަންހެނުން ގޮފީގެ އެކި މަޤާމުތައް ފުރުއްވާފައެވެ. ހަމައެއާކު އެކަމަނާއަކީ ޕީޕީއެމްގެ ކައުންސިލްގައިވެސް ހިމެނިވަޑައިގެންނެވި މެމްބަރެކެެވެ. ސިޔާސީ ދާއިރާގައި އަންހެން ކަނބަލުންގެ ދައުރު ފުޅާކުރެއްވުމަށް އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި އަންހެން ކަނބަލުންގެ ބައިރިވުން އޮންނަންޖެހޭނެ ކަމަށް ބަޔާންކުރައްވައި އެކަމަށް އަޑު އުފުއްލަވާފައެވެ. 

img:http://s3.psmnews.mv/images/660x400/14566740657637.jpg|ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވިއިރު ދުންޔާ، ޔޫއޭއީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވަނީ- ފޮޓޯ: ފޮރިންގ މިނިސްޓްރީ

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެންމެ ވަރުގަދައަށް ރާއްޖޭގައި އަޑުއުފުއްލަވާ ކަނބަލުންގެ ތެރޭގައިވެސް ދުންޔާއަކީ ފާހަގަކޮށްލެވޭ ކަނބަލެކެވެ. އެގޮތުން އެކަމަނާ ވަނީ ރާއްޖޭގައި އަންހެނުންނަށް ކުރާ ތަފާތު ކުރުންތައް ނައްތާލާ ޖިންސީ ހަމަހަމަކަން އެކި ދާއިރާތަކުގައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް އެކަމަނާ ވަނީ މިފަދަ އެތައް ކަމަކަށް ގޮވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. 

img:http://s4.psmnews.mv/images/660x400/14568517628050.jpg| ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވިއިރު ދުންޔާ މައުމޫން ޖެނީވާގައި ކުރިއަށްދިޔަ އ.ދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ- ފޮޓޯ: ފޮރިންގ މިނިސްޓަރ

ރާއްޖޭގައިވެސް ކަނބަލުންނަށް ފުރުޞަތުތައް އެބަހުރިކަން ދުންޔާ މައުމޫންފަދަ  ކަނބަލުންގެ މަސައްކަތްޕުޅުތަކުން ފާހަގަކުރެވިގެންދެއެވެ. އެގޮތުން ދިވެހި ކަނބަލުންވެސް މިފަދަ  ކަނބަލުންގެ ހިތްވަރާއި ޤާބިލްކަމާއި ކެރުންތެރިކަމުން މިސާލު ލިބިގަންނަންޖެހެއެވެ.