ތަރައްްޤީ

ހަނިމާދޫ މަގުހެދުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފަށަނީ


ހދ. ހަނިމާދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމް.އާރް.ޑީ.ސީން ބުނެފިއެވެ. އެމްއާރްޑީސީގެ ޕްރޮޖެކްޓް މެނޭޖަރ، ނަޖާހް ޝަރީފް ވިދާޅުވީ، މޮބިލައިޒޭޝަންގެ މަސައްކަތް މިދިޔަ ހަފްތާގައި ނިމިފައިވާކަމަށެވެ.

ހަނިމާދޫގައި 21 މަގެއް ތާރު އަޅައިގެން ހެދެއްވުމަށް ސަރުކާރުންވަނީ އެމްއާރްޑީސީއާ ޙަވާލުކުރައްވާފައެވެ.

85 މިލިއަނަށްވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވާ މި މަޝްރޫޢު މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިމޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެދަށުން މިހާރުވެސް 15 ވަރަކަށް މަޝްރޫއު ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެތެރެއިން ބޮޑުބައެއް މި އަހަރު ތެރޭގައި ނިންމެވުމަށް ސަރުކާރުންވަނީ އަމާޒު ކުރައްވާފައެވެ.