ޚަބަރު

"ތަރިކަ" މަޝްރޫޢުގެ ސަބަބުން ދީން ޙިމާޔަތްކުރެވޭނެ - އަޒްލީން


އިސްލާމްދީނުގެ ތެރެއަށް ތަފާތު ބިދުޢަތައް ވައްދާ އިސްލާމްދީނަކީ ހައްދު ފަހަނައަޅާފައިވާ ދީނެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ދީނީ އަދި ޤައުމީ ރޫޙް އާލާ ކުރުމުގެ މަޝްރޫޢު، ތަރިކަ އިފްތިތާޙްކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ހޯމް މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދީނީ ކަންކަމުގައި އޮޅުން އަރައިފިނަމަ އެކަންކަން ސާފު ކުރެވޭނެ ގޮތްތާކައި ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްނެގެވުމުގެ ފެށްޓެވި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އިސްލާމްދީން ރައްކާތެރި ކުރެއްވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

"އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން އުފެދިގެންދާ ބަޔަކާއި އަދި އަޅުގަނޑުމެންނާ ގުޅިގެން އަންނަ ފަރަންޖީންގެ ބަޔަކު ދައްކާ ވާހަކައެއް ނުވަތަ އެ ދަލުގައި ޖެހިގެން ބަޔަކު ދައްކާހާ ވާހަކަ ޤަބޫލުކުރާ ބަޔަކު އަޅުގަނޑުމެން ނުވަމާތޯ،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. 

މިނިސްޓަރ އަޒްލީން ވިދާޅުވީ ދީނުގެ ކަންކަން ގެނެސްދީފައި އޮތް ގޮތަށް އެކަންކަމުގެ އަސްބާބުގައި ހިފަހައްޓައިގެން ދީނުގެ ކަންކަން ކާމިޔާބު ކުރަން އޮތް ރަނގަޅު މަގު ދިވެހިންގެ އުޅުމާ ގުޅުމުގެ ތެރެއިން ރަނގަޅަށް ބައްޓަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަދި ހަމަ އެއާއެކު އިސްލާމީ ވަޙްދަތު ޤާއިމްކޮށް އެއްބަނޑު އެއްބަފާ ކަންމަތީ ދިރިއުޅެވެން މި މުޖުތަމަޢުގައި ތިބި އެންމެހާ އަފްރާދުން އެބަޖެހޭ،." މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. 

ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތި ސިފަތަކާއި، ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމުގެ މަޤުޞަދުގައި ސަރުކާރުން ފެށްޓެވި މަޝްރޫއެކެވެ.