ޚަބަރު

ވިއުވިންގ ޕްލެޓްފޯމްއާއެކު ހަދާ ރެސްޓޯރެންޓް މިމަހު ހުޅުވަނީ


ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓަކާއި، ތަފާތު އެހެނިހެން ވަޞީލަތްތަކާއެކު ޑިވެލޮޕަރ ފައިނޭންސް އުޞޫލުން ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ސްޓްރާޑަރއާ ޙަވާލުކުރައްވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ޗައިނާ މޯލްޑިވްސް ފެރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާއިރު މިމަސައްކަތް ބަލަން މި ސަރަޙައްދަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރާތްކުރެއެވެ. އެހެންކަމުން ފަސޭހަކަމާއެކު މި މަސައްކަތް ބަލާލުމަށް ޢާއްމުންނަށް ތިބެވޭނެ ފަދަ މާޙައުލެއް ޤާއިމްކޮށްދެއްވުމުގެ ގޮތުން ވަނީ ބްރިޖް ވިއުވިންގ ޕްލެޓްފޯމެއް ތަރައްޤީކޮށް، ޢާއްމޮކޮށް ހުޅުއްވާލާފައެވެ. އަދި ކުޑަކުދިންނަށް ޚާއްޞަކޮށްގެން، އިންޑޯ ޕްލޭ އޭރިއާއެއްވެސް ވަނީ ތަރައްޤީކޮށް ހުޅުވާލާފައެވެ. 

ގާތްގަނޑަކަށް 350 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި ފްރެންޗައިސް ބްރޭންޑެއް ކަމަށްވާ "ޗާޓައިމް"ގެ ޚިދުމަތް މިމަހު ފަހުކޮޅު ދިނުމަށްޓަކައި، ސްޓްރާޑައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މިތަނުގައި މިހާރު ކުރިއަށްދަނީ، ރެސްޓޯރެންޓްގެ ހިޔާކުރުމުގެ މަސައްކަތެވެ.

ލޮނު ޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ މަސައްކަތް ސްޓްރާޑަރއިން ފެށިއިރު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިނަމަވެސް، ޕްލެޓްފޯމް ޢާއްމުނަށް ހުޅުއްވާލި ހިސާބުން ފެށިގެން ގިނަބަޔަކު މި ސަރަޙައްދަށް ޒިޔާރާތްކުރާކަން ފާހަގަކޮށްލެއްވެއެވެ. ޕްލެޓްފޯމްގައި ދެ ދުރުމި ހަރުކޮށްފައި ހުންނައިރު ކޮންމެ 90 ސިކުންތަކަށް ނަގަނީ އެއް ރުފިޔާއެވެ. ދުރުމިއަށް ފީއެއް ނަގަނީ ހުރިހާ އެންމެންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކަމަށް މިސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ސްޓްރާޑަރ ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރެއްވުމުގެ މުޅި މަޝްރޫޢު ނިމޭއިރު އެތަނުގައި ޕާރކިންގއަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރެވޭނެއެވެ.