ރިޕޯޓް

ހުޅަނގުގެ އުޞޫލުތައް ނެތުމަކީ ޑިމޮކްރަސީ ނެތުމެއްނޫން – ރައީސް


ދިވެހިރާއްޖޭގައި އޮތް ޑިމޮކްރަސީއަކީ އެމެރިކާގައި އޮތްފަދަ ޑިމޮކްރަސީއެއް ނޫން ކަމަށާއި، ރާއްޖޭގައި އޮތީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތުގެ ސިފަތަކުން ފުރިހަމަވެފައިވާ ޑިމޮކްރަސީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ހުޅަނގުގެ ބައެއް ޤައުތަކުގައި އޮތްފަދަ ޑިމޮކްރަސީއެއް ރާއްޖޭގައި ނެތުމަކީ ޑިމޮކްރަސީ ނެތުން ކަމަކަށް ނުބުނެވޭނެ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޕާޓީ ޓިކެޓް ޙަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ގެންގުޅޭ އުޞޫލުތަކާ ދިވެހިން ގެންގުޅޭ އުޞޫލުތަކާ ތަފާތުވާނެ ކަމަށެވެ. ދިވެހިންގެ ދަޢުލަތުގައި އޮތީ އިސްލާމީ އުސޫލުގެ ތެރެއިން އައިސްފައިވާ ސަޤާފަތެއް ކަމަށާއި އެހެންކަމުން މިނިވަންކަމާ ހައްޤުގެ ނަމުގައި އެކި ޤައުމުތަކުގައި ދެކެވޭ ވާހަކަތަކަކީ އެއްވަރަށް ކިރޭނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  

"އެކަމަކު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތަކަށް ޤާނޫނު ފާސްކުރީމަ އެއީ ޑިމޮކްރަސީގެ ނިޒާމް. އެ ނުބުނެވޭނެ އެމެރިކާގައި އޮތް ޑިމޮކްރަސީއަކީ ރާއްޖޭގައި އޮތް ޑިމޮކްރަސީއެއް ނޫން ޝައްކަވެސް ނެތް. އެކަމަކު މިތާ ރާއްޖޭގައި މިއޮތީ ޑިމޮކްރަސީއެއް ނޫނޭ ބުނާނެ ގޮތެއް ނޯންނާނެ.،" ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގައި ޣައިރުދީންތައް ފެތުރުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ އޮތްތޯ ބެލުމަށް ރާއްޖޭގައި ވޯޓެއް ނެގިޔަސް ބޮޑު އަޢުލަބިއްޔަތުން އެކަމަށް ދިވެހިން ނޫނެކޭ ބުނާނެކަމަށެވެ. އަދި ޣައިރުދީންތައް ރާއްޖެއަށް ގެނައުން މަނާކުރަނީވެސް ރާއްޖޭގައި މިއޮތް ޑިމޮކްރސީ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރާއްޖޭގައި ޑިމޮކްރަސީ ނެތުން ނޫން ކަމަށާއި ހުޅަނގުގެ ޑިމޮކްރަސީގެ އުޞޫލުތަކާ ރާއްޖޭގެ ޑިމޮކްރަސީގެ އުޞޫލުތަކާ ތަފާތުވާތީކަމަށް ރައީސް ވިދާޅުވިއެވެ.

"ހުޅަނގުގެ ޑިމޮކްރަސީގެ އުޞޫލުތަކާއި އިރުމަތީގައި މިހުންނަ ޑިމޮކްރަސީގެ އުޞޫލުތަކާ ތަފާތު ކަންކަން އެބަހުއްޓޭ. އެކަމަކު އެތަން ތަނުގައި ޑިމޮކްރަސީ ނެތީކީއެއް ނޫން. ޑިމޮކްރަސީ އަކީ ވަކި މީހަކު އުފެއްދި އެއްޗެއް ނޫން. ވަކި މީހަކަށް ޚާއްސަ އެއްޗެއް ނޫން. ވަކި ސިފަތަކެއް ޚާއްސަ އެއްޗެއް ނޫން. ހަމަ ރައްޔިތުންގެ ގިނަ ބަޔަކު ތާޢީދު ކުރާ ގޮތަށް ކަންކަން ނިންމީމަ އެއީ ޑިމޮކްރަސީގެ އުޞޫލަކީ.،" ރައީސް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައިސްފައި އޮތީ ޑިމޮކްރަސީގެ "ޕެކޭޖަކާ" އެކީގައި ކަމަށާ، ޑިމޮކްރަސީގެ ނަމުގައި އެކިފަރާތްތަކުން ކުރިމަތިކުރުވާ މިފަދަ ކަންކަމާ އެކީގައިވެސް ދިވެހި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ހަމަޖެހުމާއި، ރައްޔިތުންގެ ފުރާނައާއި ނަފްސާ އަނބިދަރިންނަށް ގެއްލުން ނުލިބޭނެކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.