ޚަބަރު

ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު މާދަމާރޭ ފަށަނީ


އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފްވެރިކޮށްދެއްވާ މިރަސްމިއްޔާތު ކުރިން ބޭއްވެވުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތިދުވަހުގެރޭ ޖުމްހޫރީމައިދާނުގައެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން ސަރުކާރުން ރަސްމިއްޔާތު ފަސްކުރެއްވީއެވެ.  

ހޯމް މިނިސްޓްރީން މިއަދު ވިދާޅުވީ މާދަމާރޭގެ ރަސްމިއްޔާތު ބާއްވާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައިކަމަށާ އެރަސްމިއްޔާތަށް ކުރިން ވެސް ދައުވަތު ދެއްވާފައިވާ ފަރާތްތަކަށް އެދަޢުވަތު އޮންނާނެކަމަށެވެ. ހޯމް މިނިސްޓަރުގެ ނާއިބު މުޙައްމަދު ޠަލާލު ވިދާޅުވީ ރަސްމިއްޔާތު އޮންނަ ހޯލަށް ވަދެވޭނީ ދަޢުވަތު ކާޑާއެކު ފޮނުވާފައިވާ ކުޑަ އެކްސެސް ކާޑާއެކުކަމަށެވެ. 

އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވަން ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތިސިފަތަކާއި ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމުގެ މަޤްޞަދުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.