ޚަބަރު

ބުރުނާއީގެ އެންމެ މަތީ ޝަރަފު ސަލްމާން ރަސްގެފާނަށް އަރުވައިފި


ބުރުނާއީ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފް، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އަރުވައިފިއެވެ. ސަޢޫދީ ރަސްގެފާނަށް މި ޝަރަފު އެރުވީ އޭޝިއާގެ ބައެއް ޤައުމުތަކަށް ސަޢޫދީ ރަސްގެފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބުރޫނާއީއަށް ކުރެއްވި ކުރު ދަތުރުފުޅުގައެވެ.

ބުރުނާއީ ސަރުކާރުން ދެއްވާ އެންމެ މަތީ ޝަރަފް ސަޢޫދީ ރަސްގެފާނަށް އަރުވާފައިވަނީ އެމަނިކުފާނު ދުނިޔޭގައި ސުލްޙަ ޤާއިމުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވުމުގެ ގޮތުންނެވެ. އަދި މުސްލިމުންގެ ދެ ޙަރަމުގެ ޚާދިމުގެ ޙައިޞިއްޔަތުން ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު އިއްޔެ ބުރުނާއީއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއާއާއި ބުރުނާއީއާ ދެމެދު އިޤްތިޞާދީ ދާއިރާއާއި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ސަޢޫދީން ބުރުނާއީގައި އިންވެސްޓްކުރެއްވުމާ ގުޅޭގޮތުންވެސް ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ދަތުރުފުޅާ ގުޅިގެން ދެޤައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަން ތަންފީޛް ކުރުމަށްޓަކައި، އެދެޤައުމު ހިމެނޭ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ދެޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ސަޢޫދީ ރަސްގެފާނުގެ މިދަތުރުފުޅުގައި ސަޢޫދީ ސަރުކާރުން ބުރޫނާއީގެ ތަޢުލީމީ ދާއިރާއާއި ސިއްޙީ އަދި ޒުވާނުންނާ ކުޅިވަރުގެ ދާއިރާއިން އެހީތެރިވެފައިވެއެވެ. މިކަމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާއިރު، މިއީ ކިހާޢަދަދެއްގެ އެހީއެއްކަމެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ސަޢޫދީ ރަސްގެފާނު ބުރުނާއީއަށް ކުރެއްވި ކުރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ހުންނެވީ ކުރު ޗުއްޓީއެއްގައި އިންޑޮނޭޝިއާގައެވެ. އިންޑޮނޭޝިއާގައި ކުރު ޗުއްޓީއެއް ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ދެންވަޑައިގަންނަވާނީ ޗައިނާ އަދި ޖަޕާނަށެވެ.

ރަސްގެފާނު އޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެންމެފަހު މަންޒިލަކަށް ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ.