ޚަބަރު

ޘަޤާފަތަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުވަނީ


ތާރީޚާއި ޘަޤާފަތާއި އާދަކާދަތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރެއްވުމަށް ދިވެހިބަހުގެ އެކެޑަމީން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

"ތުއްރަވާސް 2"ގެ ނަމުގައި ދިވެހި ބަހުގެ އެކެޑަމީން ބޭއްވެވި މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ހުރިހާ ދަރިވަރުންނަކީ ދިވެހި ތާރީޚާއި، ޘަޤާފަތާއި، އާދަކާދަތަކަށް ލޯ ހުޅުވިފައިވާ އަދި އެކަންކަމަށް ޝައުގުވެރިވާ ދަރިވަރުންތަކަށް ހެއްދެވުމުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެކެވެ. އެގޮތުން މިއީ އެ އެކެޑަމީއިން މިފަދަ މަސައްކަތުގެ ބައްދަލުވުމެއް ކުރިއަށް ގެންދެވި ދެވަނަ ފަހަރެވެ. 

އެވިޑް ކޮލެޖުގައި ބޭއްވެވި މި މަސައްކަތު ބައްދަލުވުން އަމާޒުކުރެއްވީ މާލޭގެ ސްކޫލްތަކުގެ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. އެގޮތުން މިފަހަރުގެ މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން 70 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. މި މަސައްކަތު ބައްދަލުވުން ނިންމެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ބައިވެރިންނާ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައި ވަނީ ދިވެހިބަހާއި ތާރީޚަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ނަސީމާ މުޙައްމަދުއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ، ފަޚުރުވެރި ދިވެއްސަކަށް ވާން ބޭނުންނަމަ، ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަދައްކަން އެނގޭ އަދި ދިވެހިބަހަށް ލޯހުޅުވިފައިވާ މީހަކަށްވުން މުހިއްމުކަމުގައެވެ. އަދި ބޮޑެތިވަމުން އަންނަ ޖީލުތަކުގެ މެދުގައި ދިވެހިބަހަށް އޮންނަށް ޤަދަރާއި އިޙްތިރާމް އިތުރުކޮށްގެން މެނުވީ، ދިވެހިބަސް އޭގެ އެންމެ ފުރިހަމަގޮތުގައި ރައްކާތެރިނުކުރެވޭނެ ކަމުގައި އަޝްރަފު ޢަލީ ވިދާޅުވިއެވެ.

"ތުއްރަވާސް" މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ދިވެހިބަހުގެ އެކެޑަމީގެ ނާއިބު ރައީސާ ރާފިޢާ ޢަބްދުލްޤާދިރު ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ދަރިވަރުންގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވާނެ ކަމަށް. އަދި ރާއްޖޭގައި ހުރި އާޘާރީ ތަންތަނާއި ރަސްރަސްކަލުންނާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދެއްވި ކަމަށް ރާފިޢާ ވިދާޅުވިއެވެ.

"ކޮންމެ ސްކޫލަކުން ޓީޗަރަކުވެސް މި ކުދިންނާއި އެކު އެބަ ހަރަކާތްތެރިވޭ. އަޅުގަނޑުމެންގެ އުއްމީދަކީ ސްކޫލްތެރޭގައި އެ ޓީޗަރުންގެ އެހީގައި، މި ވޯރކްޝޮޕުގައި ބައިވެރިވި ދަރިވަރުންގެ އެހީގައި އިތުރު ވޯކްޝޮޕްތައް ސްކޫލްތަކުގައި ހިންގާ، މިކަހަލަ މައުލޫމާތުތައް މުޅި ސްކޫލަށް ލިބޭ ކަހަލަ ގޮތަކަށް ކުރިއަށް ގެންދިއުން" ރާފިޢާ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޢަމަލީ ގިނަ ޙަރަކާތްތަކެއްގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވިކަމަށް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުން ބުންޏެވެ.

މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގައި ހުރި ސްކޫލްތަކުގައި ވެސް މިފަދަ މަސައްކަތު ބައްދަލުވުންތައް ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ. ތުއްރަވާސް ގެ ނަމުގައި އެންމެ ފުރަތަމަ މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ ޕްރީސްކޫލް ޓީޗަރުންނަށެވެ. ނިމުނު މަހުގެ ތެރޭގައި ބޭއްވި އެ މަސައްކަތު ބައްދަލުވުމުގައި މާލެ އާއި ވިލިމާލޭގެ ސްކޫލްތަކުން 56 މުދައްރިސުން ބައިވެރިވެފައިވެއެވެ.