ދުނިޔެ

ސަޢޫދީން އިންޑޮނޭޝިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް 2 ޤައުމަކަށް ވަޑައިގެންފައިވާއިރު މި ދެޤައުމުގައި އެކަނިވެސް 20 ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމެންޓްތައް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އިންވެސްޓްމެންޓްތަކުގެ ބޮޑު ބައެއް ޙިއްޞާކުރަނީ ތެލުގެ ސިނާއަތައް ސަޢޫދީގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯއިން ކުރާ އިންވެސްޓްމެންޓްތަކެށެވެ. އެގޮތުން ރަސްގެފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އަރަމްކޯއިން 7 ބިލިއަން ޑޮލަރު މެލޭޝިއާގެ ތެލުގެ ސިނާޢަތަށް އިންވެސްޓް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އިންޑޮނޭޝިއާގެ ތެލުގެ ސިނާއަތަށް 6 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް އަރަމްކޯއިން އެއްބަސްވެފައިވާކަށް އިންޑޮނޭޝިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އެދެޤައުމަށް ލިބިގެންދާ ބޮޑު އިޤްތިޞާދީ ކުރިއެރުމެކެވެ. 

ތެލުގެ ސިނާޢަތުގެ އިތުރުން އެޤައުމުތަކުގައި ހިންގާ އިޤްތިޞާދީ ޕްރޮޖެކްޓްތަކަށާއި، ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއަށް ސަޢޫދީ ރަސްގެފާނު ވަނީ އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރައްވައި، ބައެއް ދާއިރާތަކުން ފައިސާގެ އެހީދެއްވާފައެވެ.

އޭޝިއާގެ ޤައުމުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ ގިނަ އަދަދެއްގެ އިޤްތިޞާދީ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ދަތުރުފުޅެއްކަމަށް ސަޢޫދީގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް އެމަނިކުފާނު ވަޑައިގެންނެވި ޤައުމުތަކުގައި އެހާ ބޮޑެތި އިންވެސްޓްމެންޓްތައް ކުރައްވަން ނިންމެވުމުން އެމަނިކުފާނު ދަތުރުފުޅު ކުރައްވަންހުރި ޤައުމުތައް ކަމަށްވާ ޗައިނާ، ޖަޕާން އަދި ދިވެހިރާއްޖެވެސް އޮތީ އެމަނިކުފާނުގެ ދަތުރުފުޅާމެދު ބޮޑެތި އުންމީދުތަކެށް ކޮށްގެނެވެ.

ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިހާތަނަށް ވަޑައިގެންނެވި ޤައުމުތަކުގައި ކުރެއްވުމަށް ނިންމެވި އިންވެސްޓްމެންޓްތަކަށް ބަލާލުމުން ދިވެހިރާއްޖެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅާމެދު ކުރާ އުންމީދު ވަނީ އިތުރަށް އާވެގެން ގޮސްފައެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމަށްވުމާއި، ސަޢޫދީ ސަރުކާރާމެދު ދިވެހި ސަރުކާރާ ރައްޔިތުން ބަހައްޓަވާ ގާތްކަމުގެ ސަބަބުން، ސަޢޫދީ ޢަރަބިއާއިން ދިވެހިރާޖެއާމެދު ޚާއްޞަކަމެއް ބަހައްޓަވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ޙައްޖު ވިސާ ދެއްވުމުގައިވެސް އެހެން ޤައުމުތަކަށް ވިސާދެއްވާ ނިސްބަތައްވުރެ އެތައް ގުނައެއް އިތުރަށް ދިވެހިރާއްޖެއަށް ދެއްވައެވެ.

އެހެންކަމުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އިންވެސްޓްމެންޓައް ކުރައްވާނެކަމަށް ބެލެވޭ ބެލެވުމަށް ވަނީ އިތުރު ބާރެއް ލިބިގެންގޮސްފައެވެ. ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅުގައި، ފ. އަތޮޅުގައި ތަރައްޤީކުރައްވާ މަލްޓި ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވޭނަކަމަށް ބެލެވެއެވެ.

މި މަޝްރޫޢިން އެކަނިވެސް ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާކެމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އިޤްތިޞާދީ ދާއިރާގެ އިތުރުން، ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިޖްތިމާއީ ދާއިރާއަށްވެސް ރަސްގެފާނުގެ މިދަތުރުފުޅުގައި ބޮޑެތި އެހީތަކެއް ދެއްވާނެކަމަށް ބެލެވެއެވެ.