ޚަބަރު

"ޓެރަރިޒަމް ނައްތާލުމަށް އިސްލާމީ އުންމަތް އިސްނަގަންޖެހޭ"


ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އިންޑޮނޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑޮނޭޝިއާގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ވިދާޅުވީ، މުޅި ދުނިޔެއާއި، ޚާއްޞަކޮށް އިސްލާމީ ޢުންމަތައް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ފިކުރުތައް ނައްތާލުމަށް މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެގެން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދުނިޔޭގައި މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އިސްލާމް ދީނަށް ނަފުރަތު ކުރުމުގެ ފިކުރު ދުނިޔެއިން ނައްތާލުމަށް މުސްލިމުންގެ ދައުރު މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަންކަމުގައި ސަޢޫދީ ސަރުކާރު އިސްވެ މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ޤައުމު، އިންޑޮނޭޝިއާގައި ހުންނަވާ ތަޤުރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެއް ދައުލަތް އަނެއް ދައުލަތުގެ އަމިއްލަވަންތަކަމާއި، މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭކަމަށެވެ. އަދި ވަކި ދީނަކަށް ނަފުރަތުކުރުމާއި، ވަކި ދީނެއްގެ މީހަކަށްވާތީ ގެންގުޅޭ ތަފާތުކުރުންތަށް ދުނިޔެއިން ނައްތާލަންޖެހޭކަމަށެވެ. ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމަށް އިސްލާމީ ޤައުމުތައް އިސްނަގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ސަޢޫދީ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަކީ ދުނިޔޭގައި ހުރި މުސްލިމުންގެ އެންމެ ވަރުގަދަ ލީޑަރެވެ. އެމަނިކުފާނު އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުނިޔޭގައި މުސްލިމުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން އިސްލާމް ދީނަށް ނަފުރަތު ކުރުމުގެ ފިކުރުތައް ދުނިޔެއިން ނައްތާލުމަށް މަސައްކަތް ކުރުމަށް ސުލްޙައިގެ މަރުކަޒެއް މެލޭޝިއާގައި ޤާއުމުކުރެއްވުމަށް ނިންމަވާފައިވެއެވެ.

ރަސްގެފާނު އިންޑޮނޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މެލޭޝިއާގެ މަޝްހޫރު މިސްކިތްތަކާއި އިސްލާމީ ބިނާތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެޤައުމުގެ އިސް ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި، ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމާގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.