ޚަބަރު

ފ. އަތޮޅު މަޝްރޫޢުން ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ނާންނާނެ!


ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަޞައްވުރު އެއްކޮށް ބަދަލުކޮށްލައްވައި، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންޤީލާބީ ބަދަލުތަކެއް ސަރުކާރުން ވަނީ ގެންނަވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިޤްތިޞާދު މީގެ ކުރިން ބޭރުގެ އިންވެސްޓަރުންނަށް ހުޅުއްވާ ނުލައްވާ ވަރަށް ތިން އަހަރުގެ ތެރޭގައި ވަނީ ހުޅުއްވާލައްވާފައެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ފަތުރުވެރިކަމުގެ ސިނާއަތާއެއްކޮށް އެހެން ސިނާއަތްތައް ކުރިއެރުވުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތެވެ.

މިކަމަށްޓަކައި ބޭރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެންނަވައި، އެ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނީ ނިޒާމުގެ ތެރެއިންވަނީ ކަށަވަރުކޮށްދެއްވާފައެވެ. ސަރުކާރުން މިކަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތާއި، އިސްތިޤްލާލަށް ބުރޫނާރާގޮތަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ބިމާބެހޭ ޤާނޫނަށް ގެންނެވި އިސްލާޙަކީވެސް ދިވެހިންގެ އަމިއްލަވަންތަކަމަށް ބުރޫއަރާގޮތަށް ގެންނެވި އިސްލާޙްތަކެއް ނޫނެވެ.

އިޤްތިޞާދީ ބިޔަ މަސްރޫޢުތައް ހިންގުމަށްޓަކައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެންނަވާފައިވާ އިސްލާޙްގައިވަނީ، ބޮޑެތި އިންވެސްޓްމެންޓަކަށް ރާއްޖޭގެ ބިން ބޭރުގެ ފަރާތަކަށް މިލްކުކުރެވޭގޮތަށް ދޫކުރެވޭ ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ބީވެ، އޭގެޒާތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް އުނިވުންކަމުގައި ނުބެލެވޭނެކަމަށެވެ. އެހެންކަމުން އިޤްތިޞާދީ ބޭނުމަށް ދޫކުރެވޭ ބިންތަކުގެ މައްޗަށްވެސް ދިވެހިރާއްޖޭގެ ޤާނޫނުގެ ސިޔާދަތީ ބާރު ހިނގާނެއެވެ.

img:http://s4.psmnews.mv/images/660x400/14698650471052.jpg|ފ.އަތޮޅު- ފޮޓޯ: ގޫގްލް އާރތް

ފ. އަތޮޅުގައި އިޤްތިޞާދީ ބިޔަ މަޝްރޫޢެއް ހިންގަވަންއުޅޭކަމަށް ޖެނުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވުމާއެކު، ރައްޔިތުން މާޔޫސްވެ، ސަރުކާރާމެދު ނަފުރަތު އުފެދޭގޮތަށް ތަފާތު ވާހަކަތައް މުޖުތަމަޢު ތެރޭގައި ފަތުރާފައިވެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަޢޫދީ ޢަރަބިޔާއަށް ވިއްކާލަނީކަމަށްބުނެ ތަފާތު ވާހަކަތައް ދެކެވިފައިވޭ. އެހެންނަމަވެސް އެވާހަކަތައް ވެގެންދިޔައީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކަކަށެވެ. ރާއްޖޭގެ ބިމެއް ޤާނޫނީ ތަރައިގެ ބޭރުން، ރައްޔިތުންނަށް ގެއްލުންވާގޮތަށް އެއްވެސް ފަރާތަކަށް ދޫކޮށް ނުލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"މިއަދު އެންމެ ވަރުގަދައަށް މިދެކެވެމުންދާ ވާހަކައަކީ، މަލިކު ސަލްމާންގެ ދަތުރުފުޅާ ގުޅިގެން ރާއްޖެއަށް ކުރާނީ ކޮން ފައިދާއެއްތޯ. ފ. އަތޮޅު ވިއްކާލަނީތޯ. ނޫން. އެއްވެސްތަނެއް ވިއްކަނީކީ ނޫން. ޚާއްޞަ އިޤްތިޞާދީ ސަރަހައްދުތަކެއް ޤާއިމުކޮށް އެއަށް ބޭނުންވާ ޤާނޫނީ ފްރޭމްވޯކް މިހާރު ވަނީ އެކުލަވާލެވިފައި. 500 މިލިއަން ޑޮލަރު، 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހިފައިގެން ނާންނާނެ އެތަނުގެ ޤާނޫނީ ވެއްޓާމެދު ސުވާލު އުފެދެންޏަކާ. އެހެންމާ ޚާއްޞަ އިމްތިޔާޒުތަކެއް، އާންމުން ޤާނޫނުތަކުގެ ދަށުން ލިބޭ އިމްތިޔާޒުތަކަށްވުރެ އިތުރު ޤާނޫނީ އިމްތިޔާޒްތަކެއް ލިބެން އެބަޖެހޭ."

ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން މުއްސަނދި ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އެގޮތުން ދިވެހިރާއްޖޭގައި ބޭނުންވަނީ ބިމުގެ ބޭނުން ކުރާނެ ރަނގަޅު ޕްލޭނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14878761299310.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

"ތިން ހަތަރު ލެގޫން، ނުވަތަ ފަޅު ހިއްކައިގެން އެބަލިބޭ މިހާރު އެއޮތް ހުޅުމާލެ، ގައިގަނޑަކަށް ހަތަރުސަތޭކަ އެތައް ހެކްޓަރެއް އޮތް ހުޅުމާލޭގެ 30 ހެކްޓަރު (30 އިންސައްތަ) އަޅުގަނޑުމެންނަށް އެބަހޯދޭ. އެހެންވީމަ ދިވެހިރާއްޖޭގައި އެތޮތީ ބިން. ދިވެހިރާއްޖޭގައި ބިން ނެތިގެން އުޅޭކަން ނުޖެހޭ. ބިން އުފައްދާނެ ގޮތަކާ ބިން ބޭނުންކުރާނެ ގޮތުގެ ވިސްނުން އަޅުގަނޑުމެން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ އެވަސީލަތްތައް އަޅުގަނޑުމެންނަށް ތަނަވަސް."

ސަރުކާރުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެކަނިވެސް ވަނީ ދިވެހިރާއްޖޭގެ ތާރީޚްގައި މީގެ ކުރިން ނުހިއްކާހާ ބިން ހިއްކަވާފައިވެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ޙިއްޞާ ކުރަނީ ފަތުރުވެރިކަން ކަމަށްވާއިރު، ފ. އަތޮޅުގައި ސަރުކާރުން ހިންގަވަން އުޅޭ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގާ ދާދި އެއްވަރުގެ މަސްރޫއެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ ދިވެހިންގެ މުއްސަނދިކަން ދެގުނައަށް އިތުރުވެގެންދާނެއެވެ. އެއީ 10 ބިލިއަން ޑޮލަރުގެ ބިޔަ ބޮޑު އިންވެސްޓްމެންޓެކެވެ. ސަރުކާރުން ރައްޔިތުންނަށް ދެއްވާ ކަށަވަރުކަމަކި ދިވެހިންގެ ބިންތައްކުގެ މައްޗަށް ދިވެހިންގެ ބާރު ނުހިނގާ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ޔަޤީންކަމެވެ. ދިވެހިންގެ ބިންތައް ބޭނުންކުރައްވާނީ ދިވެހިންގެ ލަބަޔާ މަންފާއަށް ކަމުގެ ކަށަވަރުކަމެވެ.