ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތަރު ޓީމް


މިމަހުގެ ބާވީސްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯން ފިރިހެން ކޮލިފައިންގ މުބާރާތުގައި ބައިވެރިވީ ހަތަރު ގައުމަކުން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. 

3 ވަނަ އޭވީސީ ސެންޓްރަލް ޒޯން މެންސް ކޮލިފައިންގ މުބާރާތުގައި ވާދަކުރަން ނިންމާފައިވާ ގައުމުތަކަކަކީ ތުރްކްމިނިސްތާން، ކިރްގިސްތާން، ނޭޕާލް އަދި މުބާރާތް ބާއްވާ ގައުމު ދިވެހިރާއްޖެއެވެ. 

ނޫސްވެރިންނާއި ވާހަކަދައްވަމުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ހަތަރު ޓީމާއިއެކު މިފަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމާއިއެކު ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، ޓީމްތައް މި މަހުގެ ވިހިވަނަ ދުވަހު ރާއްޖެ އަންނާނެކަމަށެވެ. 

ގައުމީ ޓީމް މުބާރާތަށް ތައްޔާރުވުމަށް މެޗުތަކެއް ކުޅުމަށް ތައިލެންޑުގައި މުބާރާތުގެ ކުރިން ކޭމްޕް ކުރާނެކަމަށާއި، ދިވެހިން ބޭނުންވާ ވަރުގެ ކާމިޔާބީއެއް ލިބޭނެކަމުގެ އުއްމީދުބޮޑުކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

"މުބާރާތުގެ ބައިވެރިވުމުގެ ޑޭޓް ކްލޯސް ކުރިއިރު ބައިވެރިމިވީ ހަތަރު ޓީމް، އެއީ ތުރްކްމިނިސްތާން، ކިރްގިސްތާން، ނޭޕާލް އަދި ދިވެހިރާއްޖެ، ޓީމްތައް މިމަހުގެ 20ގައި މާލެ އަންނާނެ، މުބާރާތް ނިންމާފައި ޓީމްތައް ފުރުމަށް ހަމަޖެހިފައިވަނީ މާރޗް 31 ގައި" ލަތީފް ވިދާޅުވިއެވެ.

 އޭވީސީ ސެންޓްރަލް ޒޯން މެންސް ކޮލިފައިންގގެ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ދިވެހި ޓީމުން ވާދަކުރިއެވެ. އެފަހަރު ފައިނަލްގައި ބަލިވީ ތުރްކްމިނިސްތާން އަތުންނެވެ. ސެންޓްރަލް ޒޯން ކޮލިފައިންގެ ދެވަނަ މުބާރާތް މިދިޔަ އަހަރު ބާއްވާފައިވަނީ ބަނގްލަދޭޝްގައެވެ. އެ މުބާރާތުން ދިވެހި ޓީމުންވަނީ ތިންވަނަ ހޯދާފައެވެ.