މުނިފޫހިފިލުވުން

ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ޝޯވތައް މިރޭ ފަށަނީ


ގާލާ ރައުންޑާއެކު މޯލްޑިވިއަން އައިޑަލްގެ ޝޯވތައް މިހާރު މިވަނީ ވަރަށްވެސް ޝަޢުގުވެރި ހިސާބަކަށް ދަތުރުކޮށްފައެވެ. 

އައިޑަލްގެ ޙަޤީޤީ ފެށުމަކީ ގާލާ ރައުންޑެވެ. ސަބަބަކީ އައިޑަލަކަށްވުމަށް ބައިވެރިން ކުރާ ބުރަ މަސައްކަތުގެ ޙަޤީޤީ ޖޯޝާއި ފޯރި ފެންނަ ހިސާބަކީ މިއީކަމަށްވާތީއެވެ. އަދި ބައިވެރިންގެ ހުރި ކުޅަދާނަކަމާއި، ޤާބިލުކުރަން ޝޯވގެ ޖަޖުންނަށާއި، ބެލުންތެރިންނަށް މިނެކިރާލަން ލިބޭ އެންމެ އަގުހުރި ފުރުޞަތަކީވެސް ގާލާ ރައުންޑުގެ ޝޯވތައްކަމަށްވާތީއެވެ.

އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިންނާއެކު އައިޑަލްގެ ދެވަނަ ސީޒަން ފަށައި، މި  ބައިވެރިންގެ އަދަދު މިހާރު މިވަނީ 12 އަށް ދަށްވެފައެވެ. ގާލާ ރައުންޑާ ހަމައަށް އާދެވުނުއިރު، 32 ބައިވެރިއަކު މިވަނީ ދަތުރުގެ އެކި ހިސާބުތަކުން ޝޯވއިން ކަޓައިގެންގޮސްފައެވެ.

ގަދަ 12 ބައިވެރިންނާއެކު އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް މިރޭ ފަށާއިރު، މިރޭގެ ޝޯވއިން ބޮޑެތި ބަދަލުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އެގޮތުން މިދިޔަ ސީޒަނެކޭ އެއްގޮތަށް މިފަހަރުގެ ސީޒަންގައިވެސް ހިތްގައިމު ރީތި ސެޓެއް ބެލުންތެރިންނަށް ފެންނާނެއެވެ. މިއީ ރާއްޖޭގެ ޓީވީ ޝޯވއެއްގައި މިހާތަނަށް ފެންނާނެ އެންމެ ހިތްގައިމު އަދި އެންމެ އަގުބޮޑު ސެޓެވެ. މި ސެޓަށް ބޭނުންވާ ލައިޓިންނާއި ސައުންޑުގެ މަސައްކަތް އައިޑަލް ޓީމުން ވަރަށްވެސް ފުރިހަމައަށް ކޮށްފައިވާކަން އައިޑަލް ޓީމްގެ ޕްރޮޑަކްޝަން މެނޭޖަރ މުޖުތަބާ ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ. 

އައިޑަލްގެ ފުރަތަމަ ސީޒަނަށްވުރެވެސް ބޮޑު ތަރުޙީބެއް ދެވަނަ ސީޒަނަށް ޢާއްމުންގެ ފަރާތުން ލިބެމުން އަންނައިރު، މި ޝޯވގެ ފެންވަރު ހިފެއްހެއްޓުމަށް މުޅި ޓީމުން ބުރަ މަސައްކަތްތަކެއް ކުރާކަން މުޖުތަބާ ފާހަގަކުރައްވާފައިވެއެވެ.

ގާލާ ރައުންޑާއެކު، ބައިވެރިންގެ މެދުގައިވެސް ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވޭއިރު، މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ގަދަ 12 ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު ކަޓައިގެންދާނެއެވެ. އަދި ފައިނަލަށް ދަތުރުކުރާ ގަދަ 3 ބައިވެރިންނާއެކު އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ ބާއްވާނެއެވެ.