ސިއްހަތު

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާ މުވައްޒަފުންނަށް ވެކްސިން ދެނީ


ޤައުމީ ޔުނިވަރސިޓީގެ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނާއި މުވައްޒަފުންނަށް، ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން ވެކްސިން ދެއްވުމުގެ ޕްރޮގްރާމް މިއަދު ފަށްޓަވައިފިއެވެ.

އެ ޔުނިވަރސިޓީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. img:http://s1.psmnews.mv/images/660x400/14884762411422.jpg|ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މީސަލްސްއާއި ރުބެއްލާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް

ދެ ދުވަހަށް މި ޕްރޮގްރާމްގައި ވެކްސިން ދެއްވުމަށް ހަމަޖެހިފައިވަނީ އެ ޔުނިވަރސިޓީގައި ކިޔެވުން ކުރިއަށްދާ ވަގުތުތަކުގައެވެ. ޤައުމީ ޔުނިވަރސިޓީގެ އިތުރުން ދިރާގާއި އުރީދޫ އޮފީހާއި ސްވިމިންގ އެސޯސިއޭޝަނުގައިވެސް ވެކްސިންގ ޖެހުމުގެ ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ.

މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން، ވެކްސިން ދިނުމުގެ އިންތިޒާމު މާލޭގެ 11 ސަރަޙައްދެއްގައި ވަނީ ހައުސިންގ ޕޮރެޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ ހަމަޖައްސައްވާފައެވެ. އޭގެތެރޭގައި، އައިޖީއެމްއެޗާއި ސެނެހިޔާ، ވެލާނާގޭ، އެމްއެންޔޫ ބިޒްނަސް ސްކޫލް، ނޯތު ހާބަރ، ރޯޝަނީ ބިލްޑިންގ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރ، އޮލިމްޕަސް، ޔޫތް ސެންޓަރ، އާރޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނެއެވެ.

މީސަލްސް އަދި ރުބެއްލާ ވެކްސިނޭޝަން ކެމްޕޭނަކީ، ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި މި އަހަރު ކަނޑައެޅުއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ހިމަބިހިން ރައްކާތެރި މުޖުތަމައަކަށް ހައްދަވައި، އެ ބައްޔަށް ޝައްކުކުރެވޭ ޙާލަތުގައި ޓެސްޓުކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ހިންގަވާ ކެމްޕޭނެކެވެ.

މިހަފްތާގެ އާދީއްތަ ދުވަހު ފެށްޓެވި މިކެމްޕެއިން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. މީސަލްސް ނުވަތަ ހިމަބިއްސަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެޗްޕީއޭއިން ގެންދަވަނީ މާލޭއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް ހިންގަވަމުންނެވެ. ރާއްޖޭގައި މީސްލްސް ވެކްސިން ފުރަތަމަ ދެއްވަން ފެށްޓެވީ 1981 ވަނަ އަހަރުއެވެ.