ޚަބަރު

"ދީނަށް ނަފުރަތު ކުރުމުގެ ފިކުރު ދުނިޔެއިން ނައްތާލަންޖެހޭ"


އިސްލާމްދީނަށް ނަފުރަތުކުރުމާއި، އަދާވާތްތެރިވުމުގެ ފިކުރުތައް ދުނިޔެއިން ނައްތާލުމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ގޮވާލައްވައިފިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިޔާގެ ޙައިޞިއްޔަތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، އިސްލާމްދީނަށް ނަފްރަތުކުރުމުގެ ފިކުރުތަކާއި، އަދާވާތެރިވުމުގެ ފިކުރުތައް ބައެއް ޤައުމުތަކުގައި ފެތުރިފައިވާކަމަށާއި، އެކަންކަން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އެފަދަ ނޭދެވޭ ފިކުރުތައް ފެތުރިފައިވާ ޤައުމުތަކުގައި، އެއްބައިވަންތަކަމުގެ ފިކުރު އާލާކޮށް، ހުރިހާ ދީންތަކަށްވެސް އިޙްތިރާމް ކުރުމުގެ ރޫޙް އާލާކުރުމަށް އެޤައުމުތަކުގެ ވެރިންނަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްގެ ތަޤްރީރުގައި ގޮވާލެއްވިއެވެ.

ސީރިއާގައި ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެކަމުގައި ބައިވެރިވާ ފަރާތްތަކަށާއި، ސީރިއާގެ ސަރުކާރަށް ފޮރިން މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުން ރައްކާތެރިކަން ހޯދުމަށް އެހެން ޤައުމުތަކަށް ހިޖްރަކުރާ ފަރާތްތައް އަނބުރާ ފޮރުވާލުމުގެ ބަދަލުގައި، އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ފޮރިން މިނިސްޓަރ ގޮވާލެއްވިއެވެ.