ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމް ދީން


މީލާދީން ގާތްގަނޑަކަށް 2500 އަހަރު ކުރިން ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވެފައިވާކަމަށް ތާރީޚީ ހޯދުންތަކުން އެނގިފައިވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް އިސްލާމްކަމުގެ ނިޢުމަތް ލިބިފައިވަނީ މީގެ އައްސަތޭހައެއްހާ އަހަރުކުރިންނެވެ. އޭރުންސުރެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތް އޮތުމަތީ ޒަމާނުންސުރެ ދިވެހިންގެ އެންމެ ބޮޑު ފަޚުރެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ފެށުމަކީ އިސްލާމްދީނެވެ. ބައިބައިވުންތަކާއި ދެކޮޅުވެރިކަމާއި ދާޚިލީ ހަމަނުޖެހުންތަކުން ދިވެހިރާއްޖެ ސަލާމަތްވެފައި އޮތުމުގެ މައިގަނޑު ސަބަބަކީވެސް މާތްވެގެންވާ އިސްލާމްދީނެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބަޔާންކޮށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދިވެހިރައްޔިތަކަށްވުމުގެ އެންމެ އަސާސީ ސިފައަކީ މުސްލިމަކަށްވުން ކަމަށް ޤާނޫނުއަސާސީން ވަނީ ކަނޑައަޅުއްވާފައެވެ.

img:http://s1.psmnews.mv/images/660x400/2849.jpg|މިސްކިތެއްގައި ހުކުރު ނަމާދު ކުރުމުގެ ކުރިން ހުތުބާ އިއްވަނީ-

ހުޅަނގުގެ މުސްލިމް ނޫން ޤައުމުތަކާއި ނޫސް އެޖެންސީތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާމެދު ބަސްބުނާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެވެ. ބައިނަލްއަޤްވާމީ އެކި ޖަމާޢަތްތަކުން އެކިފަހަރު މަތިން ކަންބޮޑުވުން ފާޅުކުރާ ކޮންމެ ކަމެއް ނިމިގެން އަންނަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ގޮވާލުންތަކާއެކުއެވެ. އެހެންކަމުން ދިވެހިޤައުމާއި ރައްޔިތުންގެ އެންމެ ބޮޑު ފަޚުރު ކަމަށްވާ އިސްލާމްދީން ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި ބޭރުގެ ލާދީނީ ފަރާތްތަކުން ދިވެހިރައްޔިތުންގެ ފިކުރާ ކުޅެލައި، ދިވެހިންގެ ދާޚިލީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނުދިނުން ނުހަނު ބޭނުންތެރިއެވެ.

ޑިމޮކްރަސީއެއްގައި ދީނީ މިނިވަންކަން ލިބިދޭންޖެހޭނެކަމަށް ބުނަމުންދާއިރު، މުޅިދުނިޔޭގެ ހުރިހާ ޤައުމުތަކަކަށް ޑިމޮކްރަސީގެ އެއް އުސޫލުތަކެއް ނުފެތޭނެކަމީ މުޅި ދުނިޔެ ޤަބޫލުކާކަމެކެވެ. ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ އަމިއްލަ ނިޒާމަކުން، ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުމަށް، އެޤައުމެއްގެ ރައްޔިތުން ޤަބޫލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އަމިއްލަ ދިމުޤްރާތީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މިއީ އިސްލާމީ ދައުލަތެއް ކަމުން ހުޅަނގުގެ ހައްދުފަހަނައަޅާފައިވާ ޑިމޮކްރަސީއެއް ރާއްޖޭގައި ތަންފީޛުކުރުމަށް ގޮވާލާ ގޮވާލުންތަކަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ޤާއިމުކުރެވޭނީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފުނުވާގޮތަށް ޤާއިކުރެވޭ އިސްލާމީ ޑިމޮކްރަސީއެއްކަމަށް ދިވެހިން އަންނަނީ ބުނަމުންނެވެ. އަދި ސަރުކާރުން ގެންދަވަނީ އެކަން ކަށަވަރު ކުރައްވަމުންނެވެ.

img:http://s3.psmnews.mv/images/660x400/14669341151645.jpg|ބޮޑު ޖަމާއަތެއްގައި ނަމާދު ކުރަނީ- ފޮޓޯ: ޒިންހުއާ

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަކީ ދިވެހިން ޤަބޫލުކުރާ ދީނީ އަދި އިޖްތިމާޢީ އެންމެހައި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމުން އެ މައުޟޫޢަކީ ބަހުސްކުރަންނުޖެހޭހާ ސާފުކޮށް ޒަމާނުއްސުރެ ކަނޑައެޅިފައި އޮންނަކަމެކެވެ. އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ ސިޔާދަތާއި، ޒަމާނުންސުރެ ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ އުސޫލުތަކުގެ އަސްލެވެ.

ޣައިރުމުސްލިމު ޤައުމުތަކާއި އިސްލާމްދީނަށް ނަފުރަތުކުރާ ފަރާތްތަކުން މުސްލިމްޤައުމުތަކާ ކުރާ ހަނގުރާމައަކީ ފިކުރީ ހަނގުރާމައެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް އެންމެހައި ދިވެހިރައްޔިތުން ހުށިޔާރުވެ ތިބޭށެވެ. އިސްލާމްދީން ޙިމާޔަތްކުރުމަކީ އެންމެހައި ދިވެހިންގެ އެންމެ ފުރަތަމަ ޤައުމީ ވާޖިބެވެ. ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ޤައުމީ ރޫހު އުފައްދައި އާލާކުރުމުގެ ބޭނުމަކީވެސް މިއީއެވެ.