ކުޅިވަރު

ފިނި މޫސުމްގެ ޓްރާންސްފާރގައި ޗައިނާއިން ރެކޯޑް ހޭދައެއް!


ޗައިނާ ސުޕަ ލީގުގެ ފިނި މޫސުމުގެ ޓްރާންސްފަރ ނިމުނުއިރު ދުނިޔޭގެ ރެކޯޑް އަދަދަކަށް ކްލަބްތަކުން ޚަރަދުކޮށްފިއެވެ. 

މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި ޓްރާންސްފާރގެ ދޮރު އިއްޔެ ބަންދުވިއިރު، ސުޕަ ލީގުގެ ކްލަބްތަކުން ވަނީ ކުޅުންތެރިން ގަތުމަށް 331 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ރެކޯޑް އަދަދެއްކަން ފާހަގަކޮށްލެވެއެވެ. 

ފިނި މޫސުމްގެ ޓްރާންސްފާރގައި އެންމެ ގިނައިން މީގެ ކުރިން ޚަރަދުކޮށްފައިވަނީ ޕްރިމިއަރ ލީގުގެ ކްލަބްތަކުންނެވެ. އެއީ 215 މިލިއަން ޕައުންޑެވެ. 

ޗައިނާ ސުޕަ ލީގަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ފޯވާޑް ކާލޯސް ޓޭވޭޒް އަދި ބްރެޒިލްގެ އޮސްކާ ފާހަގަކޮށްލެވެއެވެ. ޓެވޭޒް ސުޕަ ލީގުގެ ޝަންޚާއީ ޝެންޙުއާއަށް ބަދަލުވީ 40 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އަދި ޕްރިމިއަރ ލީގްގެ ޗެލްސީން އޮސްކާ ސުޕަ ލީގުގެ ޝަންޚާއީ އެސްއައިޕީޖީއަށް ބަދަލުވީ 60 މިލިއަން ޕައުންޑްގެ ފީއަކަށެވެ. 

މި ކުޅުންތެރިންގެ އިތުރުން ޕީއެސްޖީގެ އެޑިންސަން ކަވާނީ، ޗެލްސީގެ ޑީއޭގޯ ކޮސްޓާ އަދި މެންޗެސްޓާރ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ ހޯދުމަށްވެސް ޗައިނާގެ ގިނަ ކްލަބްތަކަކުން މަސައްކަތްކުރިކަން ފާހަގަކޮށްލެވެއެވެ.