ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ބިންގާ އަޅައިފިއެވެ. މި ޕްލެޓްތަކުގެ ބިންގާ އަޅުއްވާދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއެވެ.
އޯޑިއޯނާއި ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ހަދާ ޕްލެޓް ތަކުގެ ބިންގާ އެޅުމަށް މިއަދު ވަކި ވަކިން ބޭއްވި ރަސްމިއްޔާތުގައި މަސީއާއި ޓާޓާ ހައުސިންގެ އިސްވެރިން ބައިވެރިވެޑައިގެންފައިވެއެވެ. މި ޕްލެޓްތަކުގެ ބިންގާ އަޅުއްވާދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ، މާލޭގައި މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ކޮލެޓީގެ ގޮތުން ފެންވަރު ރަނގަޅުތަންތަންކަމަށެވެ. އަދި ޓާޓާ ހައުސިންގ ގެ ފަރާތުން އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮލެޓީއަށް ވަރަށް ބޮޑު އިސްކަންދެއްވުމަށް އިންޑިއާ ސަފީރު އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާހު ވިދާޅުވީ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއެކު ޓާޓާ ފަދަ ކުންފުންޏެއް އޮތުމަކީ އިންޑަސްޓްރީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ޓާޓާއާއިއެކު އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ޖަނާހު ފާހަގަކުރެއްވިއެވެ.
img:http://s3.psmnews.mv/images/660x400/14882748402682.jpg|ޓާޓާއިން އިމާރާތްކުރާ ފްލެޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
މިއަދު ބިންގާ އެޅި ފްލެޓްތަކުގެ ތެރެއިން އޯޑިއޯން ހުންނަ ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ވަނީ 54 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 72 ފްލެޓެވެ.
ނާދީ ހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާރޓްމެންޓް ހިމެނޭ 72 ފްލެޓެވެ. އަދި އޯޑިއޯން ހުރި ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 54 ފްލެޓްގެ ތެރެއިން 9 ފްލެޓަކީ އެއް ކޮޓަރީގެ އެޕާރޓްމެންޓެވެ. ބާކީ ހުރި ފްލެޓްތަކަކީ 3 ކޮޓަރީގެ އެޕާރްޓްމެންޓެވެ.
މިއީ ލަގްޒަރީ ފެންވަރަށް ތަރައްޤީކުރާ ފްލެޓްތަކެއް ކަމަށް ޓާޓާއިން މައުލޫމާތުދެއެވެ. މި އެޕާރޓްމެޓްތަކަށް އެދުމުގެ ފުރުޞަތު މާރޗް މަހު ހުޅުވާލާނެކަމަށް ޓާޓާއިން ބުނެއެވެ. އަދި ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓްތަކަށް އެދުމުގެ ފުރުޞަތު އޭޕްރީލް މަހު ހުޅުވާލާނެ ކަމަށް ޓާޓާއިން ބުނެއެވެ.
މި ފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ. މާލޭގެ 4 ބިމެއްގައި ފްލެޓް އިމާރާތްކުރުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާ ސަރުކާރުން ޙަވާލުކުރައްވާފައިވާއިރު، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އިމާރާތްކުރި 288 ފްލެޓްގެ މަސައްކަތް ނިންމައި، އެ ފްލެޓްތައް މިހާރު ވަނީ ސަރުކާރާ ޙަވާލުކޮށްފައެވެ.