ޚަބަރު

ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައިބަންޖެހޭ- ފޮރިން މިނިސްޓަރ


ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައިބައި، ފަލަސްތީނު މިނިވަންކުރުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ގޮވާލައްވައިފިއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އިސްރާއީލުން އަތްގަދަކޮށްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށްކަމަށެވެ. ފަލަސްތީނާ އިސްރާޢީލުގެ މައްސަލައިގައި ދެ ދައުލަތުގެ ޙައްލު ހޯދުމަށްޓަކައި ފަލަސްތީނާއި ޢަރަބިންގެ ބިންތަކުން އިސްރާއީލު ފައިބައި، އެބިންތަކަށް އިސްރާއީލުން އަތްގަދަކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނާއި އިސްރާއީލާމެދު ނިންމާފައިވާ ނިންމުން ތަންފީޛުކުރުމަށް ގޮވާލައްވާފައެވެ. އދގެ ސެކިއުރިޓީ ކައުންސިލުން މިދިޔައަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައިވަނީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ގެންދަވަނީ ފަލަސްތީނުގެ މައްސަލައިގައި އެޤައުމާ އެއްކޮޅަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައި ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނާ އެކުގައި އޮންނާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ދެއްވާފައިވެއެވެ.