ޚަބަރު

"ތަރައްޤީ ހޯދައިދިނުމުގައި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ"


ރާއްޖޭގެ އަތޮޅުތަކަށާއި ރަށްތަކަށް މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިންޗިއެއް ފަހަތަށް ނުޖެހޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ތަރުޖަމާނުގެ ބަޔާނުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅުމަށް މަސައްކަތް ކުރިނަމަވެސް، ސަރުކާރުން ބޭނުންވާ ތަރައްޤީ ރާއްޖެއަށް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ތަރައްޤީ ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނީ ޤާނޫނީ ތަރަހައިގެ ތެރެއިން ދިވެހިރައްޔިތުންނަށް ގެއްލުން ނުވާގޮތަށްކަމަށް މި ބަޔާނުގައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަތޮޅުތަކަށް ސަރުކާރުން ގެންނަވަން މަސައްކަތް ކުރައްވަމުންގެންދަވާ ތަރައްޤީ ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންގެންދަނީ، ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށް، ފަތުރުވެރިކަން ބޮއިކޮޓް ކޮށް، ޤައުމާ ރައްޔިތުންނަށް ގެއްލުން ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ސަރުކާރުން ނާކާމިޔާބުކޮށްލުމުންކަމަށެވެ. ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން ދިވެހިރައްޔިތުންނަށް ކަންކަން އޮޅުވާލުމަށްޓަކައި ކުރާ މަސައްކަތާ ގުޅިގެން ތަރައްޤީއަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެކަމުގެ ޔަޤީންކަންވެސް މި ބަޔާނުގައި ތަރުޖަމާނު ދެއްވާފައިވެއެވެ. އަދި ސަރުކާރުން ކުރިއަށްގެންވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށްވެސް މި ބަޔާނުގައި ގޮވާލައްވާފައިވެއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، ސަރުކާރުން ފ އަތޮޅުގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަސްރޫޢަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތަކެއް ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފ. އަތޮޅު ސަޢޫދީ ސަރުކާރަށް ވިއްކާލަނީކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާފައިވާއިރު، އެވާހަކަތައް ސަރުކާރުން ވަނީ  ދޮގުކުރައްވާފައެވެ. ފ. އަތޮޅުގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަސްރޫޢުގެ މައުލޫމާތު ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.