ޚަބަރު

ކުށްމަދުކުރުމަށް ޚާއްޞަ ކެމްޕެއިނެއް ފަށްޓަވައިފި


މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމުކުރެއްވުމަށް ފުލުހުން ކުރައްވާ މަސައްކަތަކުގެ ދަށުން، މުޖުތަމަޢުން ކުށްކުރުން މަދުކުރެއްވުމަށް އަލަށް ފެއްޓެވި ކްރައިމް ޕްރިވެންޝަން ކެމްޕެއިނަކީ ރާއްޖޭގައި އަމާންކަން ޤާއިމުކުރެއްވުމަށް ޢާންމު ރައްޔިތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ފެށްޓެވި ކެމްޕެއިނެކެވެ. ކުށްކުރުން މަދުކުރެއްވުމަށާއި، ޢާންމުން ހޭލުންތެރިކުރެއްވުމަށް ޕްރޮގްރާމްތައް ހިންގަވަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މަށެއް ނުކުރާނަން ކުށެއް"، މިޝިޔާރެވެ.  

އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްއެވެ. މި ކެންޕެއިން ކުރިއަށް ގެންދެވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މާލީ، އަދި ފަންނީ އެހީތެރިކަން ދިނުމަށް 5 ފަރާތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14881966630916.jpg|ކުށްމަދުކުރުމަށް ޚާއްސަ ކެމްޕެއިނެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިކެމްޕެއިނަށް އެހީތެރިކަން ދެއްވުމަށް ސޮއިކުރި ކުންފުނި އަދި ޖަމްޢިއްޔާތަކުގެ ތެރޭގައި، ދިރާގު، އެލައިޑް އިންޝޫރެންސް، އެސް.ޓީ.އޯ، މެޕްސް ކޮލެޖް އަދި ޓާރނިންގ ސްޓޯންސް ހިމެނެއެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިންވެސް މިކެމްޕެއިނަށް އެހީތެރިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މި ކެމްޕެއިނަކީ ޢާންމު ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނަކަށްވާތީ، މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޢާންމުންގެ ފުރިހަމަ އެއްބާލުން ބޭނުންވާކަމަށެވެ.

މުޖުތަމައުގައި އަމަން އަމާންކަން ޤާއިމުކުރެއްވުމަށް 2016 ވަނަ އަހަރުގެ ތެރޭގައިވެސް ފުލުހުން ވަނީ ތަފާތު ކެމްޕެއިންތައް ހިންގަވާފައެވެ. އޭގެތެރޭގައި ބްލޫސް ޕޯ ޔޫތް، ރެޑީ ކޭމްޕްގެ އިތުރުން ތަފާތު އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.