ތަރައްްޤީ

އެއަރޕޯޓުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ދަނީ ހިނގަމުން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްދާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އައު ރަންވޭ އެއް ހެދުމާއި، އައު އިންޓަރނޭޝަނަލް ޓާރމިނަލްއެއް ހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ އެހެން އެއަރޕޯޓްތަކުން ދެމުންދާ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް ފްރެންޗައިޒް ބްރޭންޑްތަކެއްގެ އައުޓްލެޓްތަކެއްގެ ޚިދުމަތްތައް އެއަރޕޯޓުން ދިނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ. މިކަމަށް ޚާއްސަކޮށްގެން މިހާރުގެ ޑޮމެސްޓިކް ޓާރމިނަލް ކުރިމަތީގައި މިކަމަށް ޚާއްސަ ޢިމާރާތެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރޕޯޓް ތަރައްޤީގެ ބިޔަ މަޝްރޫޢުގެ އިތުރަށް 500 އާއި 700 މިލިއަން ރުފިޔާގެ އެކި މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. މީގެތެރޭގައި މުޅި އެއަރޕޯޓަށް ބޭނުންވާ ފެނުގެ ނިޒާމު ތަރައްޤީކުރުމުގެ ގޮތުން ކުރިއަށްދާ ވޯޓަރ ސަޕްލައި ބިލްޑިންގގެ މަސައްކަތް ހިމެނެއެވެ. 

img:http://s1.psmnews.mv/images/660x400/14638385213583.jpg|ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް

އާދިލް މޫސާ ވިދާޅުވީ ފެނުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަމަހު ނިންމާލެވޭނެކަމަށެވެ. މިއީ ގާތްގަނޑަށް 70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީގެ އިތުރުންވެސް އައު އެއަރލައިން ކޮމްޕްލެކްސް ގެ މަސައްކަތާއި އެއަރޕޯޓް ލައުންޖްގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢު ހިމެނެއެވެ. އެއަރލައިން ކޮމްޕްލެކްސް މަޝްރޫޢަކީ 60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި ލައުންޖް ބޮޑުކުރުމުގެ މަޝްރޫޢަކީ 70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިމިގެންދާއިރު، އެތަނުގެ ހުރިހާ ފެސިލިޓީސްތަކަކީ އައު ފެސިލިޓީސްތަކުގެ ގޮތުގައި ފެންނާނީ އައު އެއަރޕޯޓެއްކަމަށް އެމްއޭސީއެލް އިން ބުނެއެވެ.