ޚަބަރު

ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާޞިމް ޖެނީވާއަށް ފުރާވަޑައިގެންފި


ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަތީފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރގެ މި ދަތުރުފުޅަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގެ މަތީ ފެންވަރުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މާދަމާއިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެޝަންގައި އެކައުންސިލްގެ މެންބަރުގެ ޤައުމުތަކުގެ މަތީފެންވަރުގެ ވަފްދުތައް ބައިވެރިވެވަޑައިގަންނަވައެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 47 މެންބަރު ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މި ބައްދަލުވުމުގެ ރާއްޖޭގެ ވަފްދުގެ ވެރިޔަކަށް ހުންނަވާނީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމްއެވެ.

މި ސެޝަންގައި ދުނިޔޭގެ ޤައުމުތަކުގެ އިސް ޑިޕްލޮމޭޓުން ވާހަކަފުޅު ދައްކަވާނީ އެޤައުމުތަކަށް ދިމާވެފައިވާ އިންސާނީ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުންނެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ތަޤްރީރު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ދިވެހިރާއްޖެއަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރުކަން ލިބިފައިވަނީ 2011 ވަނަ އަހަރުއެވެ. އެއަށްފަހު މެދުކެނޑުމެއްނެތި 2 ދައުރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވެއެވެ. އަދި މިހާރު ދިވެހިރާއްޖެއިން ދަނީ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިއަށްއޮތް ދައުރުގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.