ރިޕޯޓް

"އައްޑޫ އިންވެސްޓާރސް ފޯރަމް" އަންނަ ހޮނިހިރުދުވަހު !


އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ޚާއްޞަކޮށް ބާއްވަވާ "އައްޑޫ އިންވެސްޓާރސް ފޯރަމް" އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ. އިންޓެގްރޭޓެޑް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރިއަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް އިންވެސްޓްކުރުމަށް ސަރުކާރުން ވަނީ  އައްޑޫ ސިޓީގައި ޚާއްސަ ސަރަޙައްދުތަކެއް ކަނޑައަޅުއްވަފައެވެ.

އައްޑޫ އިންވެސްޓާސް ފޯރަމަކީ، ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫ ސިޓީގައި ޓޫރިޒަމް ބެޑް އިތުރުކުރެވޭނެ ގޮތްތައް ބައްލަވާ މި ސިޓީގައި ޓޫރިޒަމް ފުޅާކުރެއްވުމުގެ ގޮތުން، އިންވެސްޓަރުންގެ ޝަޢުޤު އިތުރުކުރެއްވުމުގެ މަޤްޞަދުގައި ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއައިޓީޑީސީން ގުޅިވަޑައިގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމް އޮންނާނީ އައްޑޫ އިކްއޭޓަރ ވިލެޖްގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަވާ މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެއެވެ.

މީގެތެރޭގައި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ބައެއް ބޭންކުތަކާއި، ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި، ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައް ހިމެނެއެވެ.

މި ފޯރަމް ފަށްޓަވާދެއްވާނީ ޓޫރިޒަމްމިނިސްޓަރ މޫސާ ޒަމީރެވެ.

"އައްޑޫ އިންވެސްޓާރސް ފޯރަމަކީ"  މެދުފަންތީގެ ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

އައްޑޫސިޓީގައި އިންޓެގްރޭޓެޑް ޓޫރިޒަމް އަދި ގެސްޓް ހައުސް ތަރައްޤީކުރެއްވުމަށް އެކަށީގެންވާ ސަރަޙައްދުތަކެއް ކަނޑައެޅުއްވުމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ޖެނުއަރީ މަހުގެ މިސިޓީއަށް ވަޑައިގެންފައިވެއެވެ. އަދި މިމިސްޓަރގެ މި ދަތުރުފުޅަށްފަހު ސަރުކާރުން މިހާރު ވަނީ މިކަމަށް ޚާއްސަ ސަރަޙައްދުތަކެއް މި ސިޓީގައި ކަނޑައަޅުއްވާފައެވެ.

އެތަންތަނުގެ ތެރޭގައި، އައްޑޫސިޓީ ފޭދޫ ހިއްކި ސަރަޙައްދާއި،  މީދޫ މުލިމަތި ސަރަޙައްދާއި، ހިތަދޫ ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަޙައްދާއި، ހިކިހެރަ ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން އައްޑޫސިޓީ ހުޅުދޫ އާއި މަރަދޫއިންވެސް ވަނީ ފަތުރުވެރިކަން ތަރަޤީކުރުމަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް އިންޓެގްރޭޓެޑް ޓުރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، އައްޑޫސިޓީގައި އިންވެސްޓްކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް މި ސަރަޙައްދުތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް މި ފޯރަމްގެ ތެރެއިން ލިބިގެންދާނެކަމަށެވެ. އަދި ފޯރަމް ނިމޭއިރު އެސަރަޙާއްދުތަކުގައި އިންވެސްޓް ކުރުމަށް ބޭނުންވާ އަގުތައްވެސް ކަނޑައެޅޭނެކަމަށް އެމްއައިޓީޑީސީން ވިދާޅުވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މިސިޓީގައި ފަތުރުވެރިކަން ތަރައްޤީވުމުން އިޤްތިޞާދީ އަދި ތަރައްޤީގެ އައު މަޝްރޫޢުތައް މިސިޓީގައި ފެށިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމުން، އާބާދީ ބޮޑު މިސިޓީގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ލިބޭނެއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި އައްޑޫސިޓީގައި ފަސް ހާސް ޓޫރިސްޓް ބެޑް ތަރައްޤީކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަޢުދުފުޅެކެވެ.