ރިޕޯޓް

އާމްދަނީ ހޯދަން އަންހެނުންނަށް ފަހި ފުރުސަތުތަކެއް !


ރާއްޖޭގެ އާބާދީގެ ގިނަ އަންހެނުންނަކީ ގޭގެ މަސްއޫލިއްޔަތާއި ޙަވާލުވެ ތިބޭ އަންހެނުންނެވެ. އެހެންނަމަވެސް އެކި އެކި ފަންނުގެ މަސައްކަތްކުރުމަކީ ރާއްޖޭގެ ކޮންމެ އަންހެނަކަށްވެސް ލިބިފައިވާ ހުނަރެކެވެ. 

މި ހުނަރުގެ ބޭނުންކޮށްގެން އާމްދަނީ ހޯދުމަކީ މިއަދު ދިވެހި އަންހެނުންނަށް ވަރަށް ފަސޭހަކަމެއްގެ ގޮތުގައި މިވަނީ ފަހިވެފައެވެ. 

ހީވާގި ކަނބަލުންގެ ނަމުގައި ދަރުބާރުގޭގައި ކުރިއަށްގެންދާ މައުރަޒަށް ބަލާލުމުން ފެނިގެން ދަނީ އަންހެނުން ކޮށްފައިވާ ބުރަ މަސައްކަތެވެ. ރާއްޖޭގެ މާހައުލުން ލިބެން ހުރިތަކެއްޗާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާތަކެއްޗާއި، ފޮތީގެވެސް އުކާލާ ބައިތަކާއި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މި ތަކެތި ފެނުމުން ކޮންމެ މީހަކަށްވެސް ރާއްޖޭގެ އަންހެނުންގެ ހުނަރުވެރިކަމާއި މުރާލިކަމާއި ކުޅަދާނަކަން ފެނިގެންދާނެއެވެ. 

އެންމެ އިހުގައިވެސް އަންހެނުންކޮށް އުޅުނު މަސައްކަތްކަމުގައިވާ ފޭލި ވިޔުމާއި، ކަސަބުން ހިރު ގެތުމާއި، ކުނާ ވިޔުމާއި، ރޯނު ވެށުމާއި ، ފަންގި ވިނުމާއި މި ހުރިހާ މަސައްކަތުގެ ހުނަރު މި މައުރަޒުން ވަރަށް ރަގަޅަށް ފެނިގެންދެއެވެ. ދިވެހި އަންހެނުންނަކީ ލާރި ހޯދުމަށް ބުރަ މަސައްކަތް ކުރާ ބައެއްކަން މިފަދަ ހުނަރުވެރިކަން ދައްކުވައިދޭ މައުރަޒަކުން ފެނިގެންދެއެވެ. 

އުކާލާބައިތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަކެތި މި މައުރަޒުން ފެނުމުން ރާއްޖޭގެ އަންހެންވެރިންގެ ކުޅަދާނަކަމާއި، ހުނަރުވެރިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިގޮތުން ރުކުގެ ބޮންތީގެ ބުޑުދޮށުގައި އޮޅިފައި ހުންނަ، އިލާ ބޭނުންކޮށްގެން ހަދާފައިވާ ހެދުންތަކާއި، އުކާލާ ފުޅި ބޭނުންކޮށްގެން ތައްޔާރުކޮށްފައިހުރި މާގަސްތަކާއި، ހުސްފުޅި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެކިބާވަތުގެ ތަކެއްޗާއި، ބޭނުން ނުކުރާ ކަރުދާސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުރި ތަފާތު ތަކެއްޗާއި ޕްލާސްޓިކުން ހަދާފައިވާ އެކި ބާވަތްތައް މި މަޢުރަޒުން ފެނިގެންދެއެވެ. 

މި މައުރަޒްއަކީ ރާއްޖޭގެ އަންހެނުން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރަކަށްވާއިރު މިފަދަ މަސައްކަތް އިތުރަށް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް މި ފަދަ މަޢުރަޒުތަކުގެ ސަބަބުން އުންމީދު އާލާވެއެވެ.