ދުނިޔެ

ކިމް އަށް ޙަމަލާދިނީ "ވީ.އެކްސް ނާވް އޭޖެންޓް" ބޭނުންކޮށްގެން !


އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުންގެ ބޭބޭފުޅު ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައިވަނީ ނުރައްކާތެރި ކެމިކަލެއްކަމަށްވާ "ވީ.އެކްސް ނާވް އޭޖެންޓް" ބޭނުންކޮށްގެންކަމަށް މެލޭޝިޔާގެ ފުލުހުން ބުނެފިއެވެ.

ފެބްރުއަރީމަހުގެ 13 ވަނަދުވަހު ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައިވަނީ މަކާއޯއަށް ފުރާވަޑައިގަތުމަށް މެލޭޝިޔާގެ ކުއަލަލަންޕޫރު އެއަރޕޯޓުގައި ހުންނަވަނިކޮށް، ދެ އަންހެނަކުވެގެން ދިން ޙަމަލާއަކުންކަމަށް މެލޭޝިޔާގެ ފުލުހުން ވަނީ ބުނެފައެވެ. މެލޭޝިޔާ ފުލުހުން ބުނާގޮތުގައި ކިން ޖޮންގ ނަމްއަށް ހަމަލާދީފައިވަނީ ކުއަލަންޕޫރް އެއަރޕޯޓުގައި ހުންނަވަނިކޮށް، ފަހަތުން މޫނުމަތީގައި އެއްޗެއް އުނގުޅައިގެނެވެ. އަދި އެމީހުން އެގޮތަށް އަމަލުކޮށްފައިވަނީ އުތުރު ކޮރެޔާއަށް ނިސްބަތްވާ ބަޔަކު ދިން އިރުޝާދުތަކަކަށްކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.

img:http://s1.psmnews.mv/images/660x400/14879208356842.jpg|ކިމް އަށް ފަހަތުން ޙަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް

އުތުރު ކޮރެޔާއިން މިކަން ދޮގުކުރަމުން ބުނެފައިވަނީ "ވީ.އެކްސް ނާވް އޭޖެންޓް" ފަދަ ނުރައްކާތެރި ކެމިކަލެއް އަތެއް އެޅިޔަސް އެމީހަކު މަރުވާނެކަމަށެވެ.

"ވީ.އެކްސް ނާވް އޭޖެންޓް" އަކީ ނުރައްކާތެރި ކެމިކަލްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އަވަހަށް އޭގެ އަސަރުކުރާ އެއް ކެމިކަލެވެ. އަދި އިންސާނާގެ ހަށިގަނޑަށް އޭގެ އަސަރުކޮށްފިނަމަ ހަށިގަނޑުގެ ގުނަވަންތަކުގެ ހިނގުން ހުއްޓި، ނޭވާ ހުއްޓޭގޮތް މެދުވެރިވެއެވެ.

ކުއަލަލަންޕޫރު އެއަރޕޯޓުގެ ސީސީޓީވީ ވީޑިއޯތަކުން ފެންނަ ގޮތުން ކިމް ޖޮންގ ނަމް އެއަރޕޯޓުގައި ހުންނަވަނިކޮށް ދެ އަންހެނަކު ވެގެން އޭނާގެ މޫނުގައި ފޮތިގަނޑެއްކަހަލަ އެއްޗެއް އުނގުޅާލައެވެ. އަދި އެސަރަޙައްދުން އެ ދެމީހުން ވަރަށް އަވަހަށް ދުރަށްދެއެވެ. އެއަށްފަހު ފެންނަނީ ކިމް ޖޮންގ ނަމް އެއަރޕޯޓުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އެހީ ހޯދުމަށް މަސައްކަތްކުރާ ތަނެވެ. މެލޭޝިޔާގެ އޮފިޝަލުން ވިދާޅުވީ ކިމް ޖޮންގ ނަމް އަވަހާރަވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަވަނިކޮށެވެ.

img:http://s1.psmnews.mv/images/660x400/14879205195602.jpg|ކިމް ޖޮންގ ނަމް އެއަރޕޯޓުގެ އޮފިޝަލުންގެ އެހީއަށް އެދެނީ

މެލޭޝިޔާއިން ބުނެފައިވަނީ މިމައްސަލައިގެ ތަހްޤީޤަށް 11 މީހަކު ހޯދަމުންދާކަމަށެވެ. މީގެ ތެރެއިން މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައި ތިބީ 3 މީހުންނެވެ. އެއީ އިންޑޮނޭޝިޔާ އަންހެނަކާއި ވިއެޓްނާމް އަންހެނެއްގެ އިތުރުން އުތުރު ކޮރެޔާ ފިރިހެނެެކެވެ. ހައްޔަރުކޮށްފައި ތިބި ދެ އަންހެނުންނަކީ އެއަރޕޯޓު ތެރެއިން ކިމް އަށް ޙަމަލާދިން ދެ އަންހެނުންކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި މެލޭޝިޔާއިން ހޯދަމުންދާ މީހުންގެ ތެރޭގައި އުތުރު ކޮރެޔާގެ 4 މީހަކުވެސް ހިމެނެއެވެ. މީގެ ތެރޭގައި މެލޭޝިޔާގައި ހުންނަ އުތުރު ކޮރެޔާގެ އެމްބަސީގެ އިސް އޮފިޝަލަކީ އުތުރުކޮރެޔާގެ ޤައުމީ އެއަރލައިންގެ އޮފިޝަލަކު ހިމެނެއެވެ. ބެލެވޭ ގޮތުގައި ހޯދަމުންދާ އުތުރު ކޮރެޔާ މީހުންނަކީ ކިމްއަށް ޙަމަލާދިން ދެ އަންހެނުންނަށް ތަމްރީންދިން މީހުންނެވެ.  

img:http://s4.psmnews.mv/images/660x400/14879205444216.jpg|ކިމްގެ މަރާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުން

މިމައްސަލައިގައި އުތުރު ކޮރެޔާއާއި މެލޭޝިޔާއާ ދެމެދު ގުޅުން ގޯސްވެފައިވާއިރު އުތުރު ކޮރެޔާއިން ބުނީ މެލޭޝިޔާއިން ދެކުނު ކޮރެޔާއާ ގުޅިގެން މިމައްސަލަ ވަރަށް ބޮޑަށް ސިޔާސީކޮށް، މިއީ އުތުރުކޮރެޔާއިން ކުރި ކަމެއްގެ ގޮތުގައި ސިފަކުރަމުންދާކަމަށެވެ. މައްސަލަ ހޫނެވެ އެންމެފަހުން އުތުރުކޮރެޔާގައި ހުންނަވާ މެލޭޝިޔާގެ ސަފީރު ވަނީ ޤައުމަށް އަނބުރާ ގެންނަވާފައެވެ. އަދި މެލޭޝިޔާގައި ހުންނަވާ އުތުރު ކޮރެޔާގެ ސަފީރު ވަނީ މެލޭޝިޔާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14879204898502.jpg|ކިމް ޖޮންގ ނަމް އޭނާގެ ބައްޕާފުޅު، ކިމް ޖޮންގ އިލްއާއެކު

ކިމް ޖޮންގ ނަމް އަކީ އުތުރު ކޮރެޔާގެ ކުރީގެ ލީޑަރު ކިމް ޖޮންގ އިލްގެ ދޮށީ ދަރިފުޅެވެ. އަދި މީހާރު ވެރިކަމުގައި ހުންނެވި ޖިމް ޖޮންގ އުންގެ އެއްބަފާ ބޭބޭފުޅެވެ. ކިމް ޖޮންގ އިލްއަށްފަހު ކިމް ޖޮންގ ނަމް ވެރިކަމަށް ވަޑައިގެންނަވާކަމަށް ބެލެވުނުނަމަވެސް، ވަގު ޕާސްޕޯޓެއްގައި ޖަޕާނަށް ދަތުރުކުރައްވަން އުޅުއްވަނިކޮށް އެކަން ފަޅާ އަރައިގެން ބައްޕާފުޅުގެ ތަޢީދު ގެއްލުނެވެ. އަދި ކިމް ޖޮންގ އިލްއަށް ފަހު ކިމް ޖޮންގ އުންއަށް ވެރިކަން ލިބިވަޑައިގަތެވެ.