ހިރާސް ފާސް އޮޕަރޭޝަންގެ ދަށުން މިހާތަނަށް ކަނޑުގައި ދުއްވާ އަށްޑިހަ އުޅަނދެއް ބަލާ ފާސްކުރައްވާފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
ކަނޑު އުޅަނދުތަކުގެ ތެރެއިން ޚާއްޞާކޮށް ފަސިންޖަރުން އުފުލާ އުޅަނދުތަކުގައި އުފުލުން ހުއްދަނޫންތަކެތި ރަށްރަށަށް އުފުލާކަން މި އޮޕަރޭޝަނުގައި ފާހަގަކުރެވުނުކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ. ކަނޑުމަތީގައި ހިނގާފާނެ އަލިފާނުގެ ޙާދިސާތައް މަދުކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން ކަނޑު އުޅަނދުތައް ފާސްކުރެއްވުމުގެ މަސައްކަތް ސިފައިން ފަށްޓަވާފައިވަނީ މިމަހުގެ ބާރަވަނަ ދުވަހު މާލޭ ނޯތު ހާބަރު ސަރަޙައްދުންނެވެ.
މިއޮޕަރޭޝަނުގެ ދަށުން، ބައްލަވާ ކަންތައްތަކުގެ ތެރޭގައި އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް އުޅަނދުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ޤާއިމުކޮށްފައި ހުރިތޯ ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ހާލަތު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުތަކުގެ ކެޕްޓަނުންގެ އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ގިނަ ކަންތައްތައް މި އޮޕަރޭޝަންގައި ބަލާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި އޮޕަރޭޝަނުގައި ފާހަގަކުރެއްވުނު ކަންތައްތަކުގެ ތެރޭގައި، މީހުން އުފުލާ ބައެއް އުޅަނދުތަކުގައި، ފެޓްރޯލާއި ޑީސަލާއި ކައްކާ ގޭސްފަދަ ތަކެތި އުފުލާކަން ފާހަގަކުރެވިފައިވާކަމަށާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ގުޅާނެ އިމަޖެންސީ ނަންބަރު ނޭނގޭ ފަޅުވެރިންވެސް އުޅަނދުތަކުގައި މަސައްކަތްކުރާކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.
މިހާތަނަށް ޗެކްކުރި އުޅަނދުތަކުގެ ތެރެއިން 35 އުޅަނދެއް އިންޝުއަރެންސް ކޮށްފައި ނުވާކަމަށްވެސް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ. މާލޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި އެމް.އެން.ޑީއެފުން ޤާއިމްވެތިބޭ ހުރިހާ އޭރިއާތަކެއްގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ހިރާސް ފާސް އަކީ، ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ޑިފެންސް މިނިސްޓަރުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ޤައުމީ ދީފާޢީ ބާރުން ކުރިއަށްގެންދަވާ ޚާއްސަ އޮޕަރޭޝަނެކެވެ.