ޚަބަރު

"ސަރަހައްދުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ އަމާޒު"


2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުންނަވާނީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައިވެސް އޮތް އެންމެ ކުރިއަރާފައިވާ ޤައުމުގެގޮތުގައި ހެއްދެވުމުގެ އަމާޒާއެކުކަމަށް ރައީސުލްޖުމްޖޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ހީވާގި ކަނބަލުން" މަޢުރަޒު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2018 ވަނަ އަހަރަށް އެމަނިކުފާނުގެ މެނިފެސްޓޯއާއި، ވަޢުދުތައް އަމާޒުކުރައްވާނީ ދިވެހިރާއްޖެއަކީ މުޅި ސަރަޙައްދުގައިވެސް އޮތް އެންމެ ކުރިއަރާފައިވާ ޤައުމަށް ހެއްދެވުމަށްކަމަމަށެވެ.

އެއީ ދިވެހި ޤައުމަށްޓަކައި އެމަނިކުފާނުގެ އުންމީދުކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތަރައްޤީގެ މަސްރޫޢުތަކުގެ މައިގަނޑު މިސްރާބަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގައި އެންމެހާ ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެވެ. ކޮންމެ މީހަކީ ސިޔާސީ މަސައްކަތް ކުރާނެ މީހެއް ނޫންކަމަށާއި، ޤައުމަށް ޚިދުމަތް ކުރެވޭނީ ސިޔާސީ މަސައްކަތަކަކުން އެކަނި ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ފައިދާހުރި މަސައްކަތައްތަކުގައި އިސްނަގައި މަސައްކަތް ކުރުމަށް ދިވެހިރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.