ސަރުކާރުގެ ސިޔާސަތަކީ އަންހެނުންނަށް އިޤްތިޞާދީ ބާރުވެރިކަން ހޯދައިދިނުމާއެކު، މުޖުތަމައުގައި ހުރިހާގޮތަކުންވެސް ހަމަހަމަ ފުރުޞަތު، ފަހިކޮށްދެއްވުންކަމަށް ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ "ހީވާގި ކަނބަލުން" މަޢުރަޒު ފަށްޓަވައިދެއްވާ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއެކު އަންހެނުންނަށް އިޤްތިޞާދީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އެގޮތުން ޖެންޑަރ އީކުއަލިޓީގެ ދާއިރާއިގައި ސަރުކާރުގެ ޢަމާޒަކީ ފިރިހެނުންނެކޭ އެއް ހަމައަކުން އަންހެނުންނަށްވެސް ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދާއިރާގައި ސަރުކާރަށް މިހާތަނަށްވެސް ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ އަންހެނުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވިދާޅުވީ، ދައުލަތުގެ އިސް މަޤާމުތަކަށް އަންހެނުންނަށް ވާސިލު ނުވެވެންވީ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށެވެ. އެ ފުރުޞަތު މި ސަރުކާރުގެ ތެރޭގައި އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 40 އިންސައްތައަކީ އަންހުންކަމަށް ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުން އުފައްދާ ތަކެތި ބާޒާރަށް ނެރެ އެތަކެތިން ޢާންމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ތެރެއިންނާއި، އަމިއްލަ ވިޔަފާރިވެރިން މެދުވެރިކޮށް އަންހެނުންގެ އުފެއްދުންތަކުން ޢާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދެއްވާނެކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
"ހީވާގި ކަނބަލުން" މިމައުރަޒުގެ ސަބަބުން މިފަދަ އަތްތެރި މަސައްކަތްތަކުގައި ދެމިތިބޭނެ ބައެއް އުފެދިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.