ރިޕޯޓް

ފިސާރި ކަނބަލުން


ދިވެހި އަންހެން ކަނބަލުންނަކީ ޒަމާނުއްސުރެ ފިރިހެނުންނަށް ދޫނުކޮށް، ޤައުމީ ހުރިހާ ސަފެއްގައިވެސް ފައިތިލަ ސާބިތުކުރަމުން އައި ހިތްވަރުގަދަ "ފިސާރި" ބައެކެވެ. 

" މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެއަށް ގެނައިމާ، މަސް ލާރިއަށް " ހެދީ އަންހެނުންނެވެ. ޤައުމީ މަސައްކަތްތަކާއި، އިޤްތިޞާދުގައި އެމީހުންނަކީ އާދައާޚިލަފު ހިތްވަރެއް ދައްކުވައިދިން ހީވާގިބައެކެވެ. ކާމިޔާބު ކޮންމެ ފިރިއެއްގެ ފަހަރުގައި ކެތްތެރި ވަފާތެރި، ގެވެހި އަންބަކު ހުންނާނެއޭ ބުނެ އުޅެނީ ސަމާސާއަކަށް ނޫންކަން ތާރީޚުން ޙާމަވެއެވެ. 

ދިވެހި ޤައުމު ހޯދި ކޮންމެ ފަޚުރުވެރި ކާމިޔާބީއެއްގައި އަންހެނުންގެ ދައުރަކީ އާދައާޚިލާފު ދައުރެކެވެ. އިހުޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިކަން އޮތީ މިހެންނެވެ. ޤައުމީ ބޮޑެތި ޖިހާދުތަކުންފެށިގެން މަގުކުނިހެހުމާހަމައަށް މި ހަޤީގަތް އޮތީ ހަމަ މިހެންނެވެ. 

ޚާއްސަކޮށް ދިވެހި ކަނބަލުންނަކީ، އަތްްތެރި މަސައްކަތްތަކާއި، އުދަނގޫ ކަވި މަސައްކަތްތަކުގައިވެސް ހުނަރުވެރިބައެކެވެ. ފުރުސަތުތައް މަދު ވަޞީލަތްތައް އަމުދުން ނެތް ޒަމާނުގައިވެސް މިކަން އޮތީ މިހެންނެނެވެ. 

ދިވެހި އަންހެނުންނަަށް ހައްޤު މަޤާމު ހޯދައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުންދާ އަގުހުރި މަސައްކަތްޕުޅުގެ ތެރެއިންވެސް ފެންނަނީ، "ފިސާރި" އަންހެން ކަނބަލެއްގެ އާދައާޚިލާފު މަސައްކަތްޕުޅެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. 

ސަރުކާރުގެ ސިޔާސަތުތަކައި، އެކަމަނާގެ އާދައާޚިލާފު މަސައްކަތްޕުޅު ގުޅުވާލުމުން އަންހެނުން ބާރުވެރިކުރުމުގެ ރޮނގުން މިއަދު ޤައުމުން ފެންނަނީ މުޅިން އާ ޒަމާނެކެވެ. ރައީސްގެ އަނބިކަނބަލުން އިސްނަންގަވައިގެން ބޭއްވި "ހީވާގި ކަނބަލުން" މައުރަޒުން ފެނުނީ ހަޤީގަތުގައިވެސް "ފިސާރި ކަނބަލުން" ގެ ހިތްވަރާއި ޤާބިލުކަމެވެ.