ޚަބަރު

އެމްޖޭ އަކްބަރ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންފި


އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކެސްޓަރނަލް އެފެއާޒް އެމްޖޭ އަކްބަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާޞިމާ އޭނާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށްފަހު، އެމްޖޭ އަކްބަރު ދެއްކެވި ވާހަކަފުޅުގައިވަނީ ރައީސް ޔާމީނުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ތަޢުރީފް ކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރގެ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި އޮންނަ ގުޅުމަށް އިތުރު ތާޒާކަމެއް ގެނުވުންކަމަށް އެމްޖޭ އަކްބަރ ވިދާޅުވެފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރުމަށް އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އޭނާ ވަނީ ދެއްވަވާފައެވެ.