ތަރައްްޤީ

ރަންވޭގެ މަސައްކަތް ކުރިޔަސް އޮޕަރޭޝަންތައް ކުރިއަށްދާނެ - އާދިލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށްޓެވެ. ރާއްޖޭގެ އިޤްތިސާދު އެކަމަށް އެންމެބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއިން އެންމެ ފުރަތަމަ ފެނިގެންދަނީ މިއެއަރޕޯޓްގެ ޚިދުމަތްތަކާއި، އެތަނުންދޭ މެހެމާންދާރީއެވެ. އެހެންނަމަވެސް އެއާރޕޯޓްގައި ފްލައިޓް އޮޕަރޭޓްކުރަމުންދަނީ އެންމެ ރަންވޭއެއް ބޭނުންކޮށްގެނެވެ. އެގޮތުން ދުވާލަކު ބައިނަލްއަޤްވާމީ 30 އަށްވުރެ ގިނަ ފްލައިޓާއި ޑޮމެސްޓިކް އުދުހުންތަކުގެ 40އާއި 50އާއި ދޭތެރޭގެ އަދަދަކަށް ފްލައިޓް އޮޕަރޭޓްކުރަމުންދެއެވެ.

އެހެންކަމުން އެއާރޕޯޓް ތަރައްޤީކޮށް ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑު މަޝްރޫޢެއް ފަށްޓަވާފައެވެ. ދެފިޔަވައްސަކަށް ބައްސަވާލައްވައިގެން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުޙިއްމު އެއް މަސައްކަތަކީ ތިންހާސް ހަތަރުސަތޭކަ މީޓަރުގެ ދިގު، އަދި 65 މީޓަރު ފުޅާ ރަންވޭއެއް ހެއްދެވުމުގެ މަސައްކަތެވެ. މިކަމަށް ބޭނުންވާ 63 ހެކްޓަރުގެ ބިން ހިއްކެވުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު އަންނަ މަހުގެތެރޭގައި ބިން ހިއްކާ އެއްކޮށް ނިންމާލެވޭނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. މިއާއެކު އެއާރޕޯޓްގެ ބިމުގެ ތިންބައިކުޅަ އެއްބައި އިތުރުވެގެންދާނެއެވެ.

އެއާރޕޯޓުގެ އައު ރަންވޭގެ ޢަމަލީ މަސައްކަތް ފެށިގެންދާނީ މިހާރު ހިއްކާ ސަރަޙައްދު ނޫން އިރުމަތީ ފަރާތުގައެވެ. މިމަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމި އަންނަ އަހަރުގެ 3 ވަނަ ކުއާޓަރގައި މަސައްކަތް އެއްކޮށް ނިންމާ އައު ރަންވޭ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14760373716907.jpg|މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ - ފޮޓޯ: ޕީއެސްއެމް

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އިތުރު ރަންވޭއެއްގެ މަސައްކަތް ކުރުމަށް ރާވާފައިވަނީ އެއަރޕޯޓްގެ 24 ގަޑިއިރުގެ އޮޕަރޭޝަންތަކަށް ބުރޫނާރާގޮތަށެވެ. މިމަސައްކަތްތައް ކުރިއަށްދާނީ ސެކިއުރިޓީ މިންގަޑުތަކަށް ރޭވިގެން ސަލާމަތީ ކަންތައްތައް ހަމަޖެހިގެންކަމަށް އާދިލް ވިދާޅުވިއެވެ. މިދިޔަ އަހަރުގެތެރޭގައި ވަނީ އެއާރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭ މަރާމާތުކޮށްފައެވެ. އާދިލް ވިދާޅުވީ އޮޕަރޭޓްކުރަމުންދާ ރަންވޭއެއް މަރާމާތުކުރުމުގެ މަސައްކަތަކީ އައު ރަންވޭއެއް ހެދުމުގެ މަސައްކަތަށްވުރެ އުނދަގޫ މަސައްކަތެއްކަމަށާއި އެހެންކަމުން މިހާރު ޕްލޭންކޮށްފައިވާގޮތަށް ކަމާއިބެހޭ ފަރާތްތަކުގެ ކޮންސަލްޓޭޝަނާއެކު އޮޕަރޭޝަނަށް ބުރޫނާރާ މިމަސައްކަތް ކުރިއަށްގެންދެވޭނެކަމަށެވެ.

"މިހާރުގެ ރަންވޭގެ މަރާމާތުގެ މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. މިހާރު އޮޕަރޭޓްކުރަމުންދާ ރަންވޭއެއް ރޭގަނޑުގެ ވަގުތުކޮޅެއްގެ ތެރޭގައި ރަންވޭގެ ބައެއް ނަގާ އޭގެ މައްޗަށްފަށަލައެއް އަޅައިގެން 6 ގަޑިއިރުތެރޭގައި މަސައްކަތްކުރުމަށްފަހު ނިންމާ، ޖެހިގެން އަންނަ ދުވަހު އޮޕަރޭޝަނަށް ގެނައުމަކީ މާބޮޑު ޗެލެންޖެއް ހުސްބިމެއްގައި ރަންވޭއެއް އެޅުމަށްވުރެ" އާދިލް ވިދާޅުވިއެވެ.

އަލަށް ހެދުމަށް ހަމަޖެހިފައިވާ ރަންވޭއަކީ ވައިގެ އުނދުހުންތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އެންމެ ބޮޑެތި އެއާރކްރާފްޓް ތަކަށްވެސް ފަސޭހަކަމާއެކު ޖެއްސޭނޭހެން ހަދާ ރަންވޭއެކެވެ. އައު ރަންވޭ ހެދުމުން، މިހާރު ބޭނުންކުރާ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ.

ރަންވޭގެ އިތުރުން، ކާގޯ ކޮމްޕްލެކްސްއަކާއި، ފިއުލް ފާރމެއް ތަރައްޤީކުރުމަކީވެސް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ. ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާ ޙަވާލުކޮށްގެނެވެ.