ޚަބަރު

ސަޢުދީ ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅު އަންނަ ހަފްތާގައި !


ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް، ރާއްޖެވެސް ހިމެނޭގޮތަށް އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު އަންނަ ހަފްތާގެ ތެރޭގައި ފަށްޓަވާނެކަމަށް ސަޢުދީ ސަރުކާރުން ހާމަކޮށްފިއެވެ.

އެޤައުމުގެ ރަސްމީ އިދާރާތަކާ ޙަވާލާދެއްވައި ސަޢުދީ ގެޒެޓު ނޫހުގައި ބުނެފައިވަނީ 31 ދުވަހުގެ މިދަތުރުފުޅުގައި ސަޢުދީ ޢަރަބިޔާގެ މަތީފަންތީގެ ވަފުދެއް ބައިވާކަމަށެވެ. ސަޢުދީ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޑެޕިއުޓީ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިދަތުރުފުޅުގައި މެލޭޝިއާއާއި އިންޑޮނޭޝިއާއާއި ޗައިނާއި ޖަޕާނަށް ރަސްގެފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ސަޢުދީ ރަސްގެފާނު އެންމެ ފަހުން ވަޑައިގަންނަވާނީ ރާއްޖެއަށެވެ.  ދަތުރުފުޅުގެ ރަސްމީ ބައިގެ އިތުރުން ރާއްޖޭގައި ރަސްގެފާނު ޗުއްޓީ ހޭދަކުރެއްވުމަށް ވަނީ ހަމެޖެހިފައެވެ.

މިއީ ސަޢޫދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެ ވަޑައިގަންނާ 3 ވަނަ ފަހަރެވެ. ކުރިން އެމަނިކުފާނު ރާއްޖެވަޑައިގެންފައިވަނީ ސަޢޫދީ އަރަބިޔާގެ ރިޔާޟްގެ ގަވަރުނަރަކަށް ހުންނެވިއިރު 15 އޭޕްރީލް 2010ގައެވެ. އަދި އެއަށްފަހު ސަޢޫދީގެ ކްރައުން ޕްރިންސަކަށް ހުންނެވިއިރު 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވެއެވެ.

އެހެންނަމަވެސް މިއީ ސަޢޫދީގެ ރަސްގެފާނަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަފަހަރެވެ.

ދިވެހިސަރުކާރުން ގެންދަވަނީ ސަޢޫދީ ޢަރަބިއާއާއެކު ޚާރިޖީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރައްވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ ސަޢޫދީ ސަރުކާރުން ފ. އަތޮޅުގައި ބިޔަ މަޝްރޫޢެއް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ސަޢޫދީ ސަރުކާރުން ވަނީ އެކި ފަހަރުމަތިން ދިވެހިރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެގޮތުން އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށާއި، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސަޢޫދީ ޢަރަބިއާއިން އެހީތެރިވަމުންގެންދަވައެވެ.