ރިޕޯޓް

ޖެންޑަރ އިކުއާލިޓީ ޤާނޫން ތަންފީޒް ކުރައްވަން ފަށްޓަވައިފި


މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ތަޞްދީޤުކުރެއްވި ޖެންޑަރ އިކުއަލިޓީ ޤާނޫނު މިއަދު ތަންފީޒްކުރަން ފަށައިފިއެވެ. 

ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ތަންފީޒުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމާ ޙިއްޞާކުރައްވަމުން، ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ޤާނޫން ތަންފީޒްކުރެއްވުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވެފައިވާކަމަށެވެ.

"ޤާނޫން ތަންފީޒް ކުރުމަށްޓަކައި މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މިހާރު ވަނީ ޖެންޑަރ އެފެއާރޒް ޑިޕާޓްމެންޓްގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް ޤާއިމްކޮށްފައި. ހަމައެއާއެކު، އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުން އަޅުގަނޑުމެން ކުރިޔަށްގެންދިޔަ މަސައްކަތަކީ ހޭލުންތެރި ކުރުމުގެ ސެޝަންތައް. އެގޮތުން ފާއިތުވެދިޔަ ހަމަސްދުވަހު، ސަރުކާރުގެ މިނިވަން މުއައްސަސާތަކާއި، އޮފީސްތައް ޤާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ވަރަށް މުހިންމު ސެޝަންތަކެއް ވަނީ ކުރިޔަށްގެންދެވިފައި. ކުރިޔަށް އޮތް ތާނގައިވެސް މި ސެޝަންތައް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައި" ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދު ޤާނޫން ތަންފީޒް ކުރައްވަން ފެށްޓެވިނަމަވެސް އަދި މިޤާނޫނާ ގުޅިގެން ހަދަންޖެހޭ ޤައުމީ ސިޔާސަތުތަކެއް އެބަހުރި ކަމަށާއި ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އެ ސިޔާސަތު އެކުލަވާލާ ނިންމަވާލެއްވޭނޭކަމަށެވެ. 

" ޤާނޫނަށް ޢަމަލުކުރާތާ ހަމަސްދުވަހުގެ ތެރޭގައި ،މިހާރު ގެންގުޅޭ ޖެންޑަރ ސިޔާސަތަށް އިޞްލާޙްތަކެއް ގެންނަންޖެހޭ. މިޤާނޫނާގުޅިގެން އެމަސައްކަތްތައްވެސް އެބަކުރިޔަށްގެންދަން. އަދި ކަމާގުޅޭ ހުރިހައި އިދާރާތައް ގުޅިގެން ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާނަން" ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ވިދާޅުވިއެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރެވޭ ތަފާތުތައް ނައްތާލެއްވުމުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަން ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ ޤާނޫނެކެވެ.

މި ޤާނޫނުގައި ޖެންޑަރ އީކުއަލިޓީކަމަށް ބަޔާންކޮށްފައިވަނީ، އަންހެނުންނަށާއި ފިރިހެނުންނަށް ފުރުޞަތު ލިބުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކަށް ވާޞިލްވުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކުން ނަތީޖާ ޙާޞިލްކުރުމުގެ ހަމަހަމަކަމަށާއި ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމަށެވެ. އަންހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ، އެއްވެސް މީހަކާމެދު ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް ތަފާތު ކުރުމަކީ މަނާކަމެއް ކަމަށް މި ޤާނޫނުގައި ބަޔާންކުރައްވާފައިވެއެވެ.

މި ޤާނޫނު ތަންފީޒުކުރަން ފަށާނީ، ޤާނޫނު ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަމަސްދުވަސްވާ ތާރީޚްގައި ކަމަށް މި ޤާނޫނުގެ 46 ވަނަ މާއްދާގައިވެއެވެ. މިއަދަކީ، ޤާނޫނު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވިތާ 6 މަސްދުވަސް ހަމަވި ދުވަހެވެ.