ޚަބަރު

ޕީޕީއެމްއާ ގުޅުނު 500 އަށްވުރެ ގިނަ މީހުންގެ ފޯމް ހަވާލުކޮށްފި


ޕީޕީއެމްއާ އަލަށް ގުޅުނު 500 އަށްވުރެ ގިނަ މެމްބަރުންގެ ފޯމް އެޕާޓީއާ ޙަވާލުކޮށްފިއެވެ.

ސްޓެލްކޯގައި ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިދިޔަ ހަފްތާގައި ޕީޕީއެމްއާ ގުޅުނު 500 އަށްވުރެ ގިނަ މެމްބަރުންގެ ފޯމްއާ ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. މީގެ ތެރޭގައި ހިމެނެނީ ލ އަތޮޅުން 300 ފޯމްއާއި، ރ އަތޮޅުން 140 ފޯމާއި، އުކުޅަހުން 70 ފޯމެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ޕީޕީއެމްއަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ތަރައްޤީއަށް ތާޢީދުކުރާ ފަރާތްތަކުން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަކީ ވާޖިބެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިޖަލްސާގައި ޕީޕީއެމްއާ އަލަށް ގުޅިވަޑައިގަތް ބައެއް ބޭފުޅުންވެސް ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕީޕީއެމްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ ސަބަބުންކަމަށް ވިދާޅުވިއެވެ.