ތަރައްްޤީ

ލޭނު މަސްވެރިކަމަށް މަސްވެރިން އަހުލުވެރިކުރުވަނީ


މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ދީ، ލޭނު އެޅުމަށް ބޭނުންކުރާ އާލަތްތަކަށް އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމަށް ތަމްރީން ޕްރޮގްރާމްތަކެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ނިންމަވައިފިއެވެ.

ދިވެހި މަސްވެރިކަމުގެ ސިނާޢާތުގައި މަސްވެރިންގެ ޙިއްޞާ އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތުގައި، ދިވެހި ރާއްޖެއަށް ލޭނު މަސްވެރިކަން ތަޢާރަފްކުރުމަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ. ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީން ލޭނު އެޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ.  

މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު އެޕްރީލް ތިރީހުގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ފޮނުވުމަށް އެމިނިސްޓްރީން އެދެއެވެ.