ވިޔަފާރި

ދެރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ


ގއ. ކޮލަމާފުށްޓާއި ގދ. ފަރެސްމާތޮޑާގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

ކޮލަމާފުށްޓާއި ފަރެސްމާތޮޑާގައި އޭޓީއެމްއެއް ގާއިމުކުރުމަށް ނިންމާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މިމަސައްކަތް ކުރުމަށް ފުރުސަތު ދެވޭނީ ހަމައެކަނި އެރަށެއްގެ ރައްޔިތުންނަށްކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ މީހުން މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅާއިރު ލޯކަލް އިންވެސްޓްމަންޓް ނުވަތަ ކުންފުންޏެއް ނަމަ އެބަޔަކު ތަމްސީލު ކުރާ ކުންފުނީގެ މައުލޫމާތު އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މިމަސައްކަތައް ބިޑު ކުރަން ބޭނުންވާ ބަޔަކަށް ބިޑު ޑޮކިއުމެންޓް ކޮލަމާފުށްޓާއި ފަރެސްމާތޮޑާގެ ކައުންސިލް އިދާރާއިން ލިބޭ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. 

މިދެ ރަށުގައި މި ހިދުމަތް ގާއިމުކުރެވުމުން ރަށުގެ ރައްޔިތުންނަށް ފައިސާ ރައްކާކުރުމާއި ފައިސާ ބޭނުންކުރުމުގައި ރައްކާތެރި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރާ ކޮލަމާފުއްޓާ ފަރެސްމާތޮޑާގެ ރަށުކައުންސިލުން ވިދާޅުވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަ އާއިއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.