ވިޔަފާރި

ޓްރަމްޕް އޮގަނައިޒޭޝަނުންވެސް ރާއްޖެއަށް ޝައުޤުވެރިވޭ!


ވޭތުވެދިޔަ 3 އަހަރުދުވަހު ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރައްވައި ކުރިއަރުއްވަން ސަރުކާރުން ކުރައްވާ މަސައްކަތުގެ ސަބަބުން ބޮޑެތި އެދެވޭ ބަދަލުތަކެއް އައިސްފައިވާކަމީ ދުނިޔެ ޤަބޫލުކުރާ ޙަޤީޤަތެކެވެ.

އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ރާއްޖޭގެ ބޭފުޅުންނާއި، ދުނިޔޭގެ ނަންހިނގާ މަޝްހޫރު ބޭފުޅުންވެސް މިކަން ފާހަގަކުރައްވައެވެ. ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ގެންނެވި ހަރުދަނާ ބަދަލުތަކާއެކު، ބޭރުގެ ބޮޑެތި އިންވެސްޓުމަންޓްތައް އިތުރުވެގެންދިޔަ މިންވަރެވެ. އަދި ރާއްޖޭގެ ތާރީޚްގައި މީގެކުރިން ދުވަހަކުވެސް ނުހިނގާ ވަރުގެ ބިޔަ މަޝްރޫޢުތައް ހިންގަވަން ފެށްޓެވުމެވެ. މި މަޝްރޫޢުތަކަށް ބޭރުގެ ހިލޭއެހީއާއި، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ވަރަށް ދިގު މުއްދަތުން ދައްކައި ޚަލާޞްކުރާ ގޮތަށް ލިބިފައިވާ ބޭރުގެ ލޯނުއެހީތަކަކީ، ރާއްޖޭގެ އިޤްތިޞާދަށް، އަދި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ދުނިޔޭގެ އިތުބާރާއި ޔަޤީންކަން ހާމަކޮށްދޭ ކަމެކެވެ.

ދާދިފަހުން ރާއްޖެއަށް ޗުއްޓީއެއްގައި ވަޑައިގެންނެވި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދެ ދަރިކަލުން، ޓްރަމްޕް ޖޫނިއަރއާއި އެރިކް ޓްރަމްޕްގެ ދަތުރުފުޅަކީ މިދެންނެވި އިތުބާރާއި ޔަޤީންކަން ދުނިޔޭގެ އެންމެ މަތީފަންތީގެ ވެރިންވެސް ޤަބޫލުފުޅުކުރައްވާކަމުގެ ހެކިތަކެއް ހާމަވެގެންދިޔަ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެދެބޭފުޅުން ވަނީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޓްރަމްޕް ޖޫނިއަރއާއި އެރިކް ޓްރަމްޕް ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ރާއްޖޭގައި މި ދެބޭޅުން ތިއްބެވީ ނިޔާމަ ރިސޯޓްގައެވެ. ނަމަވެސް މި ދެ ބެފުޅުން ރާއްޖެއިން ފުރާވަޑައިގެންނެވި ދުވަހެއް ކަމާބެހޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މަޝްހޫރު ބިލިޔަނަރެކެވެ. ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު، އެމަނިކުފާނުގެ ވިޔަފާރި ހިންގެވުމާއި މިހާރު ޙަވާލުވެވަޑައިގެންފައިވަނީ ދެދަރިކަލުންކަމަށްވާ ޓްރަމްޕް ޖޫނިއަރއާއި އެރިކް ޓްރަމްޕެވެ.

މިދެބޭފުޅުން ރާއްޖެއަށް ޒިޔާރަތްކުރެއްވީ ދުބާއީއަށް ކުރެއްވި ދަތުރުގެ ތެރެއިން ޗުއްޓީއެއްގައެވެ. މި ދެ ބޭފުޅުން ދުބާއީއަށް ޒިޔާރަތްކުރައްވާފައިވަނީ، ޓްރަމްޕް އޮގަނައިޒޭޝަނުން ދުބާއީގައި ތަރައްޤީކުރި ގޮލްފް ކްލަބް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޓްރަމްޕް ޖޫނިއަރއާއި އެރިކް ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވަނީ ދުބާއީގެ ޗާޓަރ ޖެޓެއްގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޓްރަމްޕްގެ މި ދެ ދަރިކަލުން މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވެއެވެ.

އިޤްތިޞާދީ ބޭފުޅުން ފާހަގަކުރައްވާގޮތުގައި ޓްރަމްޕް އޮގަނައިޒޭޝަނުގެ ބޭފުޅުން ރާއްޖެ ވަޑައިގެން ރާއްޖޭގައި އިންވެސްޓްކުރެއްވުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ހޯއްދެވުމުގެ ސަބަބުން، ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ރާއްޖެއާމެދު އިތުރު ޔަޤީންކަން ލިބިގެންދާނެއެވެ.

"ދަ ޑޮނަލްޑް ޓްރަމްޕް އޮގަނައިޒޭޝަން" އަކީ އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައިވެސް އެންމެބޮޑު އެއް ވިޔަފާރި ކުންފުންޏެވެ. ޓްރަމްޕް އޮގަނައިޒޭޝަނުން ރިއަލް-އިސްޓޭޓްގެ އިތުރުން އެކި ވިޔަފާރިތަކަށް އިންވެސްޓްކުރުމާއި، ތަފާތު އެކިއެކި ވިޔަފާރިތައް ހިންގުމުގައި ޙަރަކާތްތެރިވެއެވެ. ވިޔަފާރި ޚަބަރުތައް ގެނެސްދޭ މަޝްހޫރު ފޯބްސް މަޖައްލާއިން ހާމަކުރާގޮތުގައި ޓްރަމްޕް ޢާއިލާގެ ވިޔަފާރީގެ ޖުމްލަ އަގު 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.