ތަރައްްޤީ

ފުވައްމުލަކު ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށްފި


ފުވައްމުލައް ސިޓީގައި ޢިމާރާތްކުރެއްވި ފްލެޓްތަކުން، އެސިޓީއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ، ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައްވައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާއިން ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިއަލަށް މިފުރުޞަތު ހުޅުވާލައްވާފައިވާ ކަމަށެވެ. އެ ސިޓީ ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރެވޭ ފްލެޓްތަކަށް އެދުމަށް މިހުޅުވާލީ، މީގެ ކުރިން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޢަދަދަކަށް ފޯމް ހުށަހަޅާފައިނުވާތީ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14876960743724.jpg|ފުވައްމުލަކުގައި އަލަށް އިމާރާތް ކުރައްވާ ފްލެޓްތައް - ފޮޓޯ: ޕީއެސްއެމް

އެގޮތުން ކެޓަގަރީ ބީގައި ހިމެނޭ 200 ފްލެޓްގެ ތެރެއިން، 20 ފްލެޓް ޚާއްޞަކޮށްފައި ވަނީ އެރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކުރެއްވި ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ 'އޭ'ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ފްލެޓެވެ. މި ފްލެޓްތަކަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚާއްޞަކޮށް ދޫކުރައްވާ ފްލެޓްތަކެކެވެ. އަދި ފްލެޓްތައް ދޫކުރެއްވުމަށް ހަމަޖެހިފައި ވަނީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށެވެ.

މި ފްލެޓްތަކުން 'ސީ' ކެޓަގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ފްލެޓެވެ. މިއީ ވިޔަފާރީގެ އުޞޫލްގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ. 2015 ވަނަ އަހަރު ޗައިނާ މެޝިނަރީ އިންޖިނިއަރިންގ އާއި ޙަވާލުކުރައްވައިގެން ފުވައްމުލަކުގައި ތަރައްޤީކުރެއްވި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.