ޚަބަރު

ފިޝަމޭން އެސޯސިއޭޝަންގެ ޓީމެއް ޗެންނާއީއަށް !


ބައިނަލް އަގްވާމީ ޖަމިއްޔާއެއްކަމަށްވާ ބޭ އޮފް ބެންގާލް ޕްރޮގްރާމްގެ ފަރާތުން ލިބުނު ވީޑިއޯ އެޑިޓިންގއާއި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މޯލްޑިވްސް ފިޝަމޭން އެސޯސިއޭޝަންގެ ޓީމެއް މިއަދު އިންޑިއާގެ ޗެންނާއީއަށް ފުރައިފިއެވެ.  

ބޭއޮފް ބޭންގާލް ޕްރޮގްރާމްގެ ފަރާތުން ދިން މިފުރުސަތަކީ އެ ޖަމިއްޔާއިން ރާއްޖެއަށް ޒިޔާރާތްކޮށް މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަނާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން ފަހިވި ފުރުސަތެއްކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއްދީގެން ވާހަކަދެކެވުނީ މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަނުން، މަސްވެރިންގެ ކުރިއަރުވަން ކުރިއަށްގެންދާ ތަފާތު އެކި ތަމްރީން ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން އެންމެ އެދެވޭގޮތެއްގައި މަސްވެރިންނަށް ތަމްރީނު ދެވޭނީ ވީޑިއޯ އާއި، މަލްޓިމީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެންކަމަށް ހުށަހަޅައި، ބޭ އޮފް ބޭންގާލް ޕްރޮގްރާމުން އެފަދަ ފުރުސަތެއް މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަނަށް ދެއްވީކަމަށް އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުޙައްމަދު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ވީޑިއޯ އެޑިޓްކުރުމާއި ޑޮކިއުމެންޓްރީ ތައްޔާރުކުރުމަށް މޯލްޑިވްސް ފިޝަމެން އެސޯސިއޭއަޝަން ލިބުނު ދިހަ ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ ތިނެއްގެ ނިޔަލަށްކަމަށެވެ. މި ޕްރޮގްރާމްގައި ވީޑިއޯ ނެގުމާއި އެޑިޓިންގއާއި ލައިޓިންގެ އިތުރުން ސްކްރިޕްޓް ރައިޓިންގ ދަސްކޮށްދޭނެކަމަށް ވެސް ފިޝަމެން އެސޯސިއޭޝަނުން ބުނެއެވެ. މި ޕްރޮގްރާމްގައި ހަ މީހުން ބައިވެރިވެއެވެ.

މީގެ ތެރޭގައި ފިޝަމެން އެސޯސިއޭޝަންގެ ދެ ބައިވެރިއަކާއި ފިޝަމެން އެސޯސިއޭޝަނުން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝަމެން ކްލަބްގެ ދެ ބައިވެރިޔަކާއި، ޕީއެސްއެމްގެ ޓީވީ ޕްރޮޑަކްޝަނުން އެކަކާއި ކުޅުދުއްފުށީ ބައިވެރިޔަކު ހިމެނެއެވެ. ސްކޫލްތަކުގައި މޯލްޑިވްސް ފިޝަމޭން އެސޯސިއޭޝަނުން ހިންގާ ޔަންގް ފިޝަމޭން ކްލަބްތަކުގެ ތެރެއިން މިފަހަރު ފުރުސަތު ދީފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާ ކަލާފާން ސްކޫލަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ބައެއް މީހުން ބުނީ މިއީ މިހާރު އެމީހުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ޒުވާން މަސްވެރިން އުފައްދާ މަސްވެރިންނަށް ބޭނުންވާ ތަފާތު އެކި ތަމްރީންތައް ވީޑިއޯ މެދުވެރިކޮށް ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބައިވެރިން ސިފަކުރިއެވެ.

ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި، މަސްވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ފިޝަމޭން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.