ތަރައްްޤީ

ބްރިޖުގެ 22 ތަނބުގެ ކޮންކްރީޓް މަސައްކަތް ނިންމަވާލައްވައިފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މިހާރު ކުރަމުންދާ މަސައްކަތްތައް ހައުސިންގ މިނިސްޓްރީން މިއަދު މިވަނީ ނޫސްވެރިންނަށް ދައްކަވާލައްވާފައެވެ. ބްރިޖްގެ ސައިޓަށް ބަލާއިރު މަސައްކަތްތައް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާއިރު، މެއިން ބްރިޖްގެ ތަނބުތަކާއި، އެޕްރޯޗް ބްރިޖްގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރުމުގައި ސީސީސީސީ ސެކަންޑް ހާބަރ ކުންފުނީގެ މަސައްކަތްތެރިން ވަރަށް އަވަދިނެތި މަސައްކަތްކުރަމުން ގެންދެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅުއްވާ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޓްރޭސަލް ބްރިޖް ނުވަތަ ވަގުތީ ބްރިޖަށް އަރައި ބަލައިލާއިރު މިމަސައްކަތްތައް ވަރަށް ރަނގަޅަށް ފެނެއެވެ.

ބްރިޖްގެ ފަހުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތަށް އެއްވެސްކަހަލަ މަޑުޖެހުމެއް ނާންނަކަމަށެވެ. ޝެޑިއުލާ އެއްގޮތަށް މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ތަނބުތަކުގެ މަސައްކަތްކަމަށާއި، ތަނބުތަކާ ގުޅުންހުރި ހުރިހާ މަސައްކަތެއް އަންނަ އޮގަސްޓްމަހަށް ނިންމާލެއްވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، މެއިން ބްރިޖާއި، އެޕްރޯޗް ބްރިޖްގެ ދެބައިކުޅަ އެއްބައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އެއް މަސްކުރިން ތަނބުތަކުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ލަފާކުރެވޭތީ، މިއީ ޙާޞިލުކުރެވޭ ބޮޑު ޓާގެޓެއްކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14876001674477.jpg|ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ބްރިޖުގެ މަސައްކަތާ ގުޅޭ / ފޮޓޯ: ހައުސިންގ މިނިސްޓްރީ

"މެއިން ބްރިޖްގައި 35 ތަނބު ހުންނައިރު، 22 ތަނބަށް ކޮންކްރީޓް އެޅިއްޖެ. އެޕްރޯޗް ބްރިޖްގެ 88 އަށް ތަނބު ހުންނައިރު، 40 ތަނބަށް ކޮންކްރީޓްއަޅައި މިހާރު ވަނީ ނިމިފައި. މާނައަކީ އެޕްރޯޗް ބްރިޖް އަދި މެއިން ބްރިޖްގެ ހުރިހާ ތަނބެއް ކޮންކްރީޓްކޮށް ނިންމޭނޭ އިރާދަކުރެއްވިއްޔާ މޭމަސް ނިމެންވާއިރަށް. އަޅުގަނޑުމެން މިބަލަނީ އެއަށްވުރެ އެއްމަސް ކުރިން ނިންމާލެއްވޭތޯ" މުޢިއްޒު ވިދާޅުވިއެވެ.  

މިނިސްޓަރ ވިދާޅުވީ، ބްރިޖްގެ ސްޕަރ ސްޓްރަކްޗަގެ ޕްރިކާސްޓްކޮށްގެން ހަދަންޖެހޭ ބައިތައް ހެދުމުގެ މަސައްކަތްވެސް ޗައިނާގައި ކުރިއަށްދާކަމަށެވެ. ބްރިޖްގެ ދިރާސާއަށް އުނިއިތުރު ކަމަކީ ވެދާނެކަމެއްކަން ފާހަގަކުރައްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ކުރިން އަންދާޒާކުރެއްވި މިންވަރަށްވުރެ ފުނުގައިވެސް ބައެއް ތަނބުތައް ޖަހާފައިވާކަމަށެވެ. 

"އެންމެ ފުންކޮށް ޖަހާފައިވާ ތަނބުގައި، ކަނޑުގެ ސީބެޑުން، އަޑިއަށް ސަތޭކަ މީޓަރަށް ޖަހާފައި އެބަހުރި.. ކުރީގައި އަޅުގަނޑަށް ހީވަނީ އެއީ 80 ވަރަކަށް މީޓަރަށް ފުންމިނަށް ޖަހަން ދިރާސާގައި އިނީ. އެކަމަކު ޢާންމުކޮށް ހުރީ، 60 ، 70 ، 80 މީޓަރުގައި" މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14876001933877.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

ރައްޔިތުންނަށް ފަސޭހަކަމާއެކު ހުޅުމާލެއާއި، ހުޅުލެއަށް ދަތުރުކުރެވޭނެ މަގުފަހި ކޮށްދެއްވުމަށް އަދި ހުޅުމާލެއަށް ފަސޭހަކަމާއެކު އެއްގަމު ވެހިކަލްގައި ދެވޭގޮތަށް ސަރުކާރުން ރާއްޖޭގައި ހިންގަވާ އެންމެ ބިޔަ މި މަޝްރޫޢުގެ ދަށުން ބްރިޖަށް މާލެއިން އަރައި ސަރަޙައްދު ރަނގަޅު ފެންވަރަކަށް ހެއްދެވުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، ބާރު ސްޕީޑްގައި ދުއްވޭ އެކްސްޕްރެސް ބަހުގެ ނިޒާމެއް ޤާއިމުކުރެއްވުމުގެ ގޮތުން، ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަނަކާއި، ޓާމިނަލް އެއްވެސް އަޅުއްވަން ވަނީ ނިންމަވާފައެވެ.

ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް 2018 ވަނަ އަހަރު ގެ ސްޕްޓޭމްބަރުގެ ކުރިން ބްރިޖް ބޭނުންކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އަމާޒަކީ 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބްރިޖް ބޭނުންކުރައްވަން ފެށްޓެވުމެވެ.