ވިޔަފާރި

މިނިވަން ވިޔަފާރީގެ މުއާމަލާތްތަކާބެހޭ މަސައްކަތު ބައްދަލުވުން


މިނިވަން ވިޔަފާރީގެ މުއާމަލާތްތަކުގައި ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންގެ ޤާބިލިއްޔަތުކަން އިތުރުކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ގުޅިގެން ޙާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަވާ މި މަސައްކަތު ބައްދަލަވުން ފަށްޓަވާދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. މި ބައްދަލުވުމުން ފަށްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއެކު، ބައިނަލްއަޤްވާމީ ވިޔަފާރީގައި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަކަމަށެވެ. އަދި އެކަންކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ މުޢާމަލާތްތަކަށް މީހުން ބިނާކުރެއްވުމަކީ ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރައްވާ ކަމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޑިވެލޮޕްމެންޓް ޑިވިޝަން ޝިޝިރް ޕްރިޔާދަރުޝީ ވަނީ، ވިޔަފާރީގެ މައިދާނުގައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތައުރީފް ކުރައްވާފައެވެ. އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ރާއްޖެއިން ތިމާވެއްޓަށް ޙާއްޞަ އިސްކަމެއްދެއްވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތުގެ ވިޔަފާރިތައް ބައްޓަން ކުރައްވާފައިވަނީ ތިމާވެއްޓާއި ރަށްޓެހި މާހައުލެއްގެ ތެރެއިން ކަމަށް ޝިޝިރް ފާހަގަކުރެއްވިއެވެ.

އިިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި މިނިވަން ވިޔަފާރިއާ ބެހޭ މަޢުލޫމާތާއި، ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަނާ ބެހޭ މައުލޫމާތުގެ އިތުރުން މަލްޓިލެޓެރަލް ޓްރޭޑިންގ ސިސްޓަމާ ބެހޭ މަޢުލޫމާތު ހިއްސާކުރާނެއެވެ.

ފަސްދޮޅަސް ތިން ބައިވެރިންނާއި އެކު ކުރިޔަށް ދާ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ޔުނިވަރސިޓީ އާއި ކޮލެޖްތަކުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ޑަބްލިއުޓީއޯއިން ރާއްޖެ ވަޑައިގެން އުޅުއްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.