ރިޕޯޓް

ނެޝަނަލް ކާޑިއެކް ސެންޓަރާއެކު ދިވެހިންގެ ހިތްތަކަށް ފިނި ކަމެއް!


2016 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ރާއްޖޭގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިހެން މިދެންނެވީ ސަބަބެއް ނެތިއެއް ނޫނެވެ. އެތަނުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމާއެކު، އުމްރާނީ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ.

އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދްމަތަށް އެކަނި ބެލިކަމުގައިވީ ނަމަވެސް، ޑިޖިޓަލް އެކްސްރޭ ނެގުމާއި، ޒިކާ ފަދަ ނުރައްކާތެރި ބަލިތަކަށް ޓެސްޓު ކުރެއްވޭނޭ ނިޒާމް އެ ހޮސްޕިޓަލުގައި ހަމަޖެއްސެވިއެވެ. ސުޕަރ ސްޕެޝަލީޓީ ޚިދްމަތްތައް ފެއްޓެވިއެވެ. ނެޝަނަލް ކާޑިއެކް ސެންޓަރަކާއި، ނެޝަނަލް ޔޫރޯ-ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު ޤާއިމް ކުރައްވާ ޒަމާނީ ފަރުވާ ދެއްވަން ފެއްޓެވުމާއެކު،އެހޮސްޕިޓަލާ މެދު ޢާއްމުންގެ އިތުބާރު ބޮޑުވެގެންދިޔައެވެ.

ރާއްޖޭގައި ބޮޑެތި ބަލިތަކަށް ފަރުވާހޯދުން އެއީ ނާދިރު ކަމެއްގެ ގޮތުގައި ދެކި، އުންމީދު ގެއްލިފައި ތިބި އެތަކެއް ދިވެހިންގެ ވިސްނުން ބަދަލުވެގެން ދިޔަ މައިގަނޑު އެއް ކަމަކީ، ނެޝަނަލް ކާޑިއެކް ސެންޓަރެވެ. މިދިޔަ އަހަރުގެ ޖޫންމަހު އައި.ޖީ.އެމްއެޗުގައި މި ސެންޓަރު ޤާއިމް ކުރުމާއެކު، އާއްމުންގެ ފާޑުކިއުންތައް އަމާޒުވިއެވެ.

"ކާކު ތިތަނަށް ދާނީ ހިތުގެ އޮޕަރޭޝަނެއް ކުރަން؟ ތިޔަށް ވުރެ ހިތައް ފަސޭހަވާނެ އިންޑިއާއަށް ގޮސްލާފަ އޮޕަރޭޝަން ކޮށްލައިގެން އަންނަން. ލާހިކައެއް ނޫން ތިތާނގައި ތިޔަބާވަތުގެ އޮޕަރޭޝަނެއް ކުރަން...ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ"  މިއީ، އޭރު ބައެއް ދިވެހިންގެ ވާހަކަ ހުރި ރާގެވެ. 

އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެސެންޓަރުގައި ފުރަތަމަ ފަހަރަށް ކުރި ކާމިޔާބު އެންޖިއޯ ޕްލާސްޓީ، ދިވެހިން ސިއްސުވާލިއެވެ. އެއަށްފަހު، މެދު ނުކެނޑި އެކި އެކި ޕްރޮސީޖަރތައް ހަދަމުން ގޮސް އެއްމަސްދުވަހުގެ ތެރޭގައި ކާމިޔާބު 100 ޕްރޮސީޖަރ ހެދިއެވެ. އެންޖިއޯގްރާމާއި، އެންޖިއޯ ޕްލާސްޓީއާއި ޕޭސްމޭކަރ ލެއްވުމުގެ ކާމިޔާބު ޕްރޮސީޖަރތައް ހަދަން ފެށުމާއެކު، ކުރިން ހަޖޫ ޖަހަމުން ދިޔަ މީހުންގެ ވާހަކައިގެ ރާގު ބަދަލުވެ ތަޢްރީފްގެ ބަސްތައް އޮއްސަން ފެށިއެވެ. ނަތީޖާއަކަށްވެގެން ދިއައީ، އައި.ޖީ.އެމް.އެޗާމެދު އިތުބާރު ބޮޑުވެ، ކާޑިއެކް ސެންޓަރުގެ ޚިދްމަތް ހޯދަމުންދާމީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެގެން ދިއުމެވެ. ކާޑިއެކް ސެންޓަރުން އެންޖިއޯ ޕްލާސްޓީއާއި އަދި އެހެނިހެން ޕްރޮސީޖަރތައް ހެދި މީހުން ވެސް ތިބީ އެހާމެ އުފަލުންނެވެ. ޚިދްމަތުގެ އިތުރުން ،ކާޑިއެކް ސެންޓަރުގެ ޑޮކްޓަރުންނާއި،ނަރުހުން ބެހައްޓާ ގާތްކަމާއި އެމީހުންގެ އޯގާތެރިކަން އެމީހުން ފާހަގަކުރެއެވެ.

img:http://s1.psmnews.mv/images/660x400/14875928914171.jpg|ނެޝަނަލް ކާޑިއެކް ސެންޓަރ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

" އަޅުގަނޑު ކުރިން ޑރ.އަލީ ޝަފީޤްގެ ވާހަކަ އަޑުއަހަން. އެކަމު އެންޖިއޯ ޕްލާސްޓީ ހަދަން ތިއޭޓަރުގަ ހޭދަކުރި ވަގުތާއި، އަދި އޮޕަރޭޝަނަށްފަހު ވޯޑްގައި އޮތް އިރު އެބެހެއްޓި ގާތްކަން ހަދާނެއް ނުނެތޭނެ. ނަރުސް ކުދިންވެސް އެހާ ރަނގަޅު. ޚާއްޞަކޮށް ޑރ.ޕްރަތާބްގެ ވާހަކަ ފާހަގަކޮށްލަން ބޭނުންވޭ. އަޅުގަނޑުގެ ޕްރޮސީޖަރ ހެދުނީ ދެފަހަރެއްގެ މަތިން އުޅެގެން. ދެފަހަރުވެސް އޭނާ ވަރަށް ހިތްވަރުދިން." އެންޖިއޯ ގްރާމް ހަދާފައި އޮތް މީހަކު ކާޑިއެކް ސެންޓަރުގައި އޮވެގެން ކިޔައިދިނެވެ.

ފަރުވާ ހޯދި ބައެއް މީހުން ކާޑިއެކް ސެންޓަރުގެ މުހިންމުކަން އެމީހުންގެ ދުލުން ބަޔާންކުރަމުންދާއިރު، މިޚިދުމަތް ޤާއިމް ކުރެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތަށް ތަޢްރީފް ކުރެއެވެ.

"މީގެ ސަބަބުން ޤައުމުން ބޭރުވެގެންދާ ޑޮލަރުތައް ހަރުލާނެ، އަދި ޤައުމުގައި ތިބި ނިކަމެތި ޚަރަދު ކުރުމަށް ނުކުޅެދޭ، ތަންކޮޅެއް ފަޤީރު ދަރަޖައިގެ މީހުންނަށްވެސް ފުރިހަމަ ޞިއްޙަތެއް ލިބިގަތުމަށްޓަކައި ފުރުޞަތު ލިބިގެންދާނެ. އެހެންވީމައި މިތަނަކީ، ވަރަށް މުހިންމު، އަޅުގަނޑަށް ދެންނެވިދާނެ މިއީ ފަހަކަށް އައިސް ދިވެހި ރާއްޖޭގައި ޞިއްޙީ ދާއިރާއިން އެޅުއްވި އެންމެ ހަރުދަނާ ރަނގަޅު ފައިދާހުރި ފިޔަވަޅުގެ ތެރެއިން އެއްވަނައިގެ ފިޔަވަޅެކޭ މިއީ..." އެންޖިއޯ ޕްލާސްޓީއާއި އެންޖިއޯގްރާމް ހެދި މީހަކު ބުންޏެވެ.

ޕްރޮސީޖާރތައް ހެދުމުގައި އިސްވެ ޙަރަކާތްތެރިވަނީ އިންޑިއާގެ މެޑްޓްރީނާ ހޮސްޕިޓަލުގެ ހިތުގެ ޚާއްޞަ ޑޮކްޓަރ ޕްރަތާބެވެ. އޭނާގެ ޚިޔާލުހުރީ ރާއްޖޭގައި ހިތުގެ ހުރިހައި އޮޕަރޭޝަނެއް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމެވެ. އޭނާ ވިދާޅުވީ މެޝިނަރީޒްއާއި ފަންނީ ބޭފުޅުންނަށް ބަލާއިރު، މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޑރ.ޕްރަތާބްގެ އިތުރުން އައި.ޖީ.އެމް.އެޗުގައި ހިތުގެ ފަރުވާދިނުމުގެ ކަންކަމުގައި އިޓަލީވިލާތުގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ޢިމާދު ޝީބާން ފަންނީ ގޮތުން ޙަރަކާތްތެރިވަޑައިގަންނަވައެވެ.

img:http://s2.psmnews.mv/images/660x400/14875931443623.jpg|ނެޝަނަލް ކާޑިއެކް ސެންޓަރ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ޑރ. ޢިމާދު ވިދާޅުވީ ޒަމާނީ، ހިތުގެ ފަރުވާ ރަނގަޅު ފެންވަރެއްގައި އަދި ޒަމާނީ ގޮތްތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ނޭޝަނަލް ކާޑިއެކް ސެންޓަރުން ދެއްވަމުން ގެންދަވާއިރު، ދިވެހިން މި ފަރުވާ ހޯދަން ޤައުމުން ބޭރަށް ދާންވީ އެއްވެސް ސަބަބެއް އޭނާއަށް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި އޭގެ ރަނގަޅުގޮތަކީ، އަމިއްލަ ވަޒަނުގައި ފަރުވާ ލިބިގަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ އެކަށީގެންވާގޮތައް، ފަރުވާ ދިނުމަށް ބޭނުންކުރާ ފަންނީ އާލާތްތަކަކީ އެންމެ ޒަމާނީ ފެންވަރު ރަނގަޅު ތަކެތި. އަނެއްކާ މިތާނގައި ފަރުވާދޭ ޓީމަކީ އެހައި ފަންނުވެރި ކުޅާދާނަ ބޭފުޅުން. ޑޮކްޓަރުން ފެށިގެން ގޮސް ޓެކްނީޝަނާ ޖެހެންދެންވެސް އެންމެން އެތިބީ މިކަމަށް ތަމްރީންވެފައި. މިތާގައި ފަރުވާ ދޭ ބޭފުޅުންގެ ޚިދްމަތް ދެނީ ވަރަށް މަތީ ފެންވަރެއްގައި. ހަޤީގަތައް ބުނާނަމަ،މިތަނާ އަޅުގަނޑުމެން ޔޫރަޕްގެ ކެތުލެބްތަކާއި ތަފާތެއް ނެތް. ޔޫރަޕްގައި ދޭ ޚިދްމަތަކާއި މިތަނުގައިދޭ ޚިދްމަތާއި އެއްވެސް ތަފާތެއް ނެތް. ޕްރޮސީޖާތައް ހަމަ އެއްގޮތް. ޒަމާނީ ހިތުގެ ފަރުވާ އަމިއްލަ ވަޒަނުގައި ލިބެން ހުއްޓާ ދިވެހިން މި ފަރުވާ ލިބިގަތުމަށް ބޭރަށްދާންވީ ސަބަބެއް ނުވިސްނޭ. އެމީހުން ބޭރުން އެހޯދާ ފަރުވާ މިތާވެސް ލިބެން މިހިރީ. ހަމަ އެއްފަރުވާއެއް ...ހަމަ އެއްފެންވަރެއްގައި."ޑރ.އިމާދު ޝީބާން ވިދާޅުވިއެވެ.

ޑރ.އިމާދު ވިދާޅުވި ފަދައިން ދިވެހިން މިހާރު ރާއްޖެއިން ބޭރަށް ހިތުގެ ފަރުވާ ހޯދަން ދާންވީ އެއްވެސް ސަބަބެއްނެތެވެ.

ކާޑިއެކް ސެންޓަރުގައި ހިތުގެ ޚާއްޞަ ޕްރޮސީޖަރތައް ހަދަންފެށިތާ ހަތްމަސްވީއިރު، މިހާތަނަށް ކާމިޔާބު 900 ޕްރޮސީޖަރއެއް ހަދާ،އެސެންޓަރުންވަނީ މިކަން ސާބިތުކޮށްދީފައެވެ.

ހަމަގައިމުވެސް ކާޑިއެކް ސެންޓަރުގެ ހިތްގައިމު ޚިދްމަތާއެކު،ދިވެހިންގެ ހިތައް މިވަނީ ފިނިކަމެއް ގެނެސްދީފައެވެ.