ޚަބަރު

ހުޅުމާލޭ ފަޅުތެރޭގައި ހުއްދަނެތި އަޅާ އުޅަނދުތައް ނަގަން ފަށަނީ


ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރޭގައި ހުއްދަ ނެތި އަޅާފައިވާ އުޅަނދުތައް އަންނަ މަހުން ފެށިގެން ނަގާން ފަށާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ހުއްދައެއްނެތި ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރޭގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވާނަމަ، އެކުންފުނިން އެ އުޅަނދެއް ނަގަމުންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީއިން ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ މިގޮތަށް ނިންމީ، ހުޅަނގު ފަރާތު ފަޅުތެރެ ބޭނުންކުރާ ފަރާތްތަކުން ހުއްދަނެތި އެސަރަޙައްދުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތަށް ގެންނަ މުދާ ހިފައިގެން އެސަރަޙައްދުން ދަތުރުކުރާ ބޮޑެތި ބާޖުފަދަ އުޅަނދުފަހަރަށް ވަދެ ނިކުތުމުގައި ދަތިތަކާއި ކުރިމަތިވަމުންދާތީ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.