ވިޔަފާރި

ހިސާބުތައް ތައްޔާރުކުރުމަށް މީރާއިން އަތޮޅުތަކަށް ޒިޔާރަތްކުރަނީ


ކުދި ވިޔަފާރިތަކުން 2016 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދެއްވުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޓީމްތައް އަތޮޅުތަކުގެ ރަށްތަކަށް ފޮނުއްވުމަށް ނިންމަވައިފިއެވެ. 

މީރާއިން ވިދާޅުވީ ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދެއްވުމަށް މާރޗް، އަދި އޭޕްރިލްމަހު މީރާގެ ޓީމްތައް އަތޮޅުތަކުގެ ރަށްތަކަށް ފޮނުއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީރާގެ ޓީމްތައް ފޮނުއްވުމަށް ނިންމަވާފައިވަނީ، ހއ، ހދ، ށ، ނ، ރ ގދ، އަދި ލ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. މިދަތުރުތަކުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ތައްޔާރުކުރުމާއި، އަދި  މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދެއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

މީރާގެ ޓީމްތައް ފޮނުއްވުމަށް ހަމަޖެހިފައިވާ ސިޓީތަކާއި އަތޮޅުތަކުގައި، ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން، ހުސްވިއަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން ސާދަ ފަނަރައަށް ގުޅައި ވީހާވެސް އަވަހަކަށް ނަން ނޯޓްކުރުމަށް އެއޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ.