ޚަބަރު

އިންތިޚާބުގައި 469 ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖައްސަވައިފި


އޭޕްރީލްމަހުގެ 15 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި 469 ވޯޓު ފޮށި ބަހައްޓަވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވާ ގޮތުގައި ކައުންސިލު އިންތިޚާބުގައި މާލޭގެ ރައްޔިތުން ވޯޓުލުމަށްޓަކައި 55 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި 77 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި 302 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. 

މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި 21 ވޯޓު ފޮށި، ޖަލުތަކުގައި 4 ވޯޓު ފޮށި އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 4 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގައި 6 ވޯޓު ފޮށްޓެއް ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން ސަތޭކަ މީހުން ރަޖިސްޓްރީކޮށްފައިވާ ރަށްރަށާއި ރިސޯޓުތަކުގައިކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ މަދުވެގެން އެއްހާސް މީހުން ރަޖިސްޓްރީކޮށްފައިވާ ޤައުމުތަކުގައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.