ތިމާވެށި

މާލެ ސިޓީ ސާފުކުރުމުގެ ޗެލެންޖް ފަށައިފި


މާލެ ސިޓީ ސާފުކުރުމުގެ ޗެލެންޖް މިއަދު ފަށައިފިއެވެ. 

އެއްއަހަރު ދުވަހުގެ މުއްދަތަށް ސިލްސިލާކޮށް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްގެންދާ މި ޗެލެންޖް އެންމެ ފުރަތަމަ ފަށާފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުންނެވެ. މާލެސިޓީ ސާފުކުރުމުގެ ޗެލެންޖަކީ، މާލެސިޓީ ސާޕު ތަނަކަށް ހެދުމަށްޓަކައި، އެން ރޭންޖުގެ ފަރާތުން އިސްނަގައިގެން ވެމްކޯއާއި ޕީއެސްއެމާ ގުޅިގެން ކުރިއަށްގެންދާ ޗެލެންޖެކެވެ. ސާފުކުރުމުގެ މި ޗެލެންޖް ރާވާފައިވަނީ، ކޮންމެ ހަފްތާއަކު ކޮންމެވެސް މުއައްސަސާއަކުން މާލޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއް ސާފުކުރާ ގޮތަށެވެ.

ސާފުކުރުމަށް ކަނޑައެޅޭ މުއައްސަސާއަކުން ސާފުކުރުމުގެ މަސައްކަތް ނިންމާލާނީ ޖެހިގެން އަންނަ ހަފްތާގައި ސާފުކުރުމަށް ނިކުތުމަށް ކޮންމެވެސް އެހެން ކުންފުންޏަކަށް ޗެލެންޖްކުރުމަށްފަހުގައެވެ. މިހަފްތާގައި އެމްޕީއެލްއިން ޗެލެންޖު ކުރުމަށް ހަމަޖެހިފައިވަނީ، ބަނޑޮސް އައިލެންޑް ރިސޯޓާއެކުގައެވެ.

އެމްޕީއެލްގެ ޗީފް މެނޭޖަރ ހުސައިން މަނިކު ވިދާޅުވީ، މިޗެލެންޖް ކާމިޔާބު ކުރުމަކީ އެމްޕީއެލްއަށް ވަރަށް ފަސޭހަ ކަމެއްކަމަށެވެ.

އެމްޕީއެލްގެ 40 މުވައްޒަފުންނާއެކު ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ، މިއަދު ހެނދުނު އަށްގަޑި ތިރީހުގައިއެވެ. މި ޗެލެންޖުގައި އެމް.ޕީ.އެލްއިން ސާފުކުރުމަށް ކަނޑައެޅި ސަރަޙައްދަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ކުރިމަތީން ފެށިގެން ޣިޔާޒުއްދީން އިންޓަރނޭޝަނަލް ސުކޫލާއި ހަމައަށެވެ. މިޗެލެންޖުގެ ދަށުން ސާފުކުރުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު އެގާރަގަޑި ތިރީހާއި ހަމައަށެވެ.